ފައިނުގެ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އިފްތިތާޙްކޮށްފި

ރ. ފައިނުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސްސީ) އިން މިއަދު އިފްތިތާޙުކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން ފައިނު...

29 Oct 2021 | 14:32

ރ. ފައިނުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސްސީ) އިން މިއަދު އިފްތިތާޙުކޮށްފި އެވެ.

މި މަޝްރޫޢުގެ ދަށުން ފައިނުގައި 5.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމު ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 4.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމް ކުރުމާއި، 1.59 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިންގ ސްޓޭޝަން ބަހައްޓާނެ އެވެ. އަދި އެއް ސީ އައުޓް ފޯލް ޤާއިމުކޮށް، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.

ފެނުގެ ނިޒާމް ޤާއިމު ކުރުމަށް ބޭނުންްްްވާ ހޮޅިއާއި އެހެނިހެން ތަކެތި ފައިނަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ. ފެންޕްލާންޓް ބެހެއްޓުމަށް އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގ ގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މި ރަސްމިއްޔާތު އިފްތިތާޙް ކޮށް ދެއްވާފައި ވަނީ އެމް.ޑަބްލިޔު.އެސްސީގެ ޗެއާމަން އަހުމަދު މައުސޫމު އާއި، މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް އަދި ފައިނުގެ ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކެވެ.

މީގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 63.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ނިމޭނެ ކަމަށް އެމް.ޑަބްލިޔު.އެސްސީއިން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް