100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު 2 މީހުން ދޫކޮށްލައިފި އެވެ.
މިއީ މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި 2 މީހުން ނެވެ. އެ އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްތަކާއި، ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެއާއި ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެވެ.
100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާއިން ނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހިމް ޒައިދު ހަބީބްއާއި، ހދ. މަކުނުދޫ ޑިއާފްރެންޑް އިބްރާހިމް ޝިނާނު ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިންމިހާރު ބަންދުގައި ތިބީ، ނ. ވެލިދޫ ބީޗްހެވަން ޖުމާން މުސްތަފާ، ލ. ކަލައިދޫ ޖަނަވަރީމާގެ މުޙައްމަދު އަހުމަދާއި، ދ. ބަނޑިދޫ ޕޮލަރިސް މުޙައްމަދު ހުސައިންއާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުން ނެވެ.
100 ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ވަނީ ދޫކޮށްލާފަ އެވެ.
އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނާ ގޮތުން ކޯޓުން އެ ދުވަހު ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ.
އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދުނު ނަމަވެސް މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމާފަ އެވެ.
އޭގެފަހުން މިމަހުގެ 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފަ އެވެ. އެއީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު އާއްމުކުރީ 8 މީހެއްގެއެވެ.
މި އޮޕަރޭޝަން ހިންގިތާ މާގިނަދުވަހެއް ނުވެ، އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް