ޤައުމެއް ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްތަނަކީ މަދަރުސާތައް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސޓީ ސްކޫލްތަކުގެ އެންމެ އިސްވެރިންނާއިއެކު އައްޑޫ ހައިސްކޫލްގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހެޔޮގޮތުގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އެންމެ އިސްވެރިން ވަނީ އެ ބޭފުޅުން ނިސްބަތްވާ ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފެންވަރު ރަނގަޅު ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ސްކޫލްތަކުގެ ޖާގަ އަދި ވަޞީލަތުގެ ގޮތުން ހުރި ދަތިތައް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު މެންދުރުކުރީގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެ އިދާރާގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އައްޑޫ ސިޓީގައި ފުލުހުންނަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފަ އެވެ.
އެގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ވެހިކަލް މަދުވުމާއި އިމާރާތުގެ ދަތިކަން ހިމެނެ އެވެ. އަދި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރަންޖެހިފައިވާކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ފުލުހުންގެ ކޮމިޝަނަރ އެކަންކަން ހައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް