އެންމެ ފަހުން ލީގުގައި ވާދަވެރި ލިވަޕޫލާއި ދެކޮޅަށް ޔުނައިޓެޑް ކުޅެ 0-5 ގެ ނަތީޖާއިން ބަލިވި މެޗުގައި ލިވަޕޫލުގެ ނެބީ ކެއީޓާއަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން ޕޮގްބާއަށް ދެއްކި ސީދާ ރަތް ކާޑުގެ ސަބަބުން އޭނާ ތިން މެޗަށް ސަސްޕެންޑް ވެއްޖެއެވެ.
ޕޮގްބާ ތިން މެޗަށް ސަސްޕެންޑް ކުރިއިރު، އޭނާ ސަސްޕެންޑް ކޮށްފައިވަނީ ހަމައެކަނި ޕްރީމިއާ ލީގުގެ ތިން މެޗަށެވެ. އެގޮތުން މާދަމާރޭ ޓޮޓެންހަމްއާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗު އަދި ނޮވެމްބަރުގެ މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައިި ވެޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލޭނެއެވެ.
ޕޮގްބާއަށް އެންމެ އަވަހައް ވެސް ދެން ލީގު މެޗެއް ކުޅެވޭނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޗެލްސީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުގައެވެ.
އެންމެ ފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޮގްބާއަށް ސީދާ ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލިއިރު، އެ މެޗުގައި ޕޮގްބާ ކުޅެން އަރާފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ހާފުގައެވެ. ފަހު ހާފުގައި ކުޅެން އެރި ޕޮގްބާ އަށް އެމެޗުގައި ކުޅެވިގައިވަނީ އެންމެ 16 މިނެޓެވެ. ނެބީ ކިއޭޓާއަށް ކުރި ނުރައްކާތެރި ޓެކުލަށް ޕޮގްބާއަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް