ކޮޕް26ގެ ސަމިޓުގައި ބައިވެރިވަޑައިގަތުމަށް ރައީސް ސޯލިހު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބާއްވާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ފުރާވަޑައިގަންނަވައ...

29 Oct 2021 | 10:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބާއްވާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ފުރާވަޑައިގަންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާއާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނޭގޮތުން ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ މި ވަފްދުގައި ހިމެނޭ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ. އަދި އެކި ޤައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ކޮޕް26 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މިހާރު ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ކުރިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފަ އެވެ.

ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުން ނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް