ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް "މަސްޖިދް ޢަމީލް ޖަލީލް" ހުޅުވައިފި އެވެ.
މިއީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކަމަކު އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 މީހުންނަށް ނަމާދުކުރެވޭނެ އެވެ.
މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބަޔަކާއި އަންހެނުންނަށް ވެސް ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވަނީ ކަނޑައަޅާފަ އެވެ. އަދި އަންހެނުންނަށް ވުޟޫ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްްސާފަ އެވެ.
2 ފަންގިފިލާއަށް މިސްކިތް ޢިމާރާތްކޮށްފައިވާ މި މިސްކިތުގެ ތިރީ ފަންގިފިލާ ނަމާދުކުރުމަށް ޚާއްސަކޮށްފަވާއިރު، މަތީ ފަންގިފިލާއަކީ މަލްޓި ފަންކްޝަނަލް އޭރިއާ އެކެވެ. އެ ފަންގިފިލާ ލައިބްރަރީއަކީ ކްލާސްރޫމް އޭރިއާއެއް ހިމެނެއެވެ.
މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އަމިއްލަ ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ބިން ދޫކޮށްފައިވާ އިރު، ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މިސްކިތް ތަރައްޤީކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގަ އެވެ. މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުން ވެސް މިސްކިތަށް ވަދެވޭގޮތަށެވެ.
"މަސްޖިދް ޢަމީލް ޖަލީލު" ތަރައްޤީކޮށްފައިވަނީ 16400 އަކަފޫޓުގެ ބިމެއްގަ އެވެ. މިސްކިތް ޑިޒައިންކުރީ "އިންސައިޑް ޕްލަސް"ކިޔާ ކުންފުންޏަކުން ނެވެ. އަދި މިސްކިތް އިމާރާތްކުރުމާއި އެތެރޭގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދިއުމަކީ "ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް