ޤިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާއި މެދު ސުވާލު ކުރެވޭނެ: ޚުތުބާ

ޤިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާއި މެދު ސުވާލު ކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. "މަގުމަތީގެ އަދަބުތަކުގެ މައްޗަށް" ޚާއްސަކޮށްފައިވާ ޚުތުބާގ...

29 Oct 2021 | 08:19

ޤިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާއި މެދު ސުވާލު ކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

"މަގުމަތީގެ އަދަބުތަކުގެ މައްޗަށް" ޚާއްސަކޮށްފައިވާ ޚުތުބާގައި ބުނީ މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތަކުން ދުރުހެލިވުން ހިމެނޭ ކަމަށެވެ.

"އެއީ ބުނާ ބަހަކުން ވިޔަސް، ކުރާ ޢަމަލަކުން ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ ބަލާ ބެލުމަކުން ވިޔަސްމެއެވެ. މަގުމަތީގެ ޙައްޤު އަދާކުރުމުގެ ތެރޭގައި މަގުން ހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި ގޯނާ ހުއްޓުވުމާއި މާރާމާރީގެ ޢަމަލުތައް ހުއްޓުވުން ވެސް ހިމެނެއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޢަމަލު ކުރުމަކީ ހުއްދަކަމެއް ނޫން ކަމަށާއި އޭގެ ތެރޭގައި ވިއްސާރަ ދުވަސް ދުވަހު މީހުންގެ ގަޔަށް ފެން ބުރައިގެން ދާނެ ގޮތަށް، އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ހަމަމިއާއެކު މަގު ހުރަސް ކުރަން ބޭނުންވާ މީހާއަށް ތަން ނުދީ އުޅަނދު ދުއްވުމާއި، ސިގުނަލް ނުދީ ޤަވާއިދާ ޚިލާފަށް ވާތް ފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތް ހަދައިގެން ދުއްވުން ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ޚުތުބާގައިވަނީ އަޚްލާޤީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭކަން ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް