ޒެނީޝާއާ ދެކޮޅަށް ކުރާ ދައުވާ އަނބުރާ ގެންދިއުން ބުއްދިވެރި: ނަޝީދު

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ ދެކޮޅަށް ދައުވާ ކުރުމަށް ފޮނުވި މައްސަލަ އަނބުރާ ގެންދިއުން ބުއްދިވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ހިއުމަން ...

29 Oct 2021 | 06:02

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ ދެކޮޅަށް ދައުވާ ކުރުމަށް ފޮނުވި މައްސަލަ އަނބުރާ ގެންދިއުން ބުއްދިވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ޕީޖީއަށް ފޮނުވާފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގްކޮށް އެމައްސަލައިގައި ދައުވާ ކުރުމަށް ކަމަށެވެ. މި މައްސަލައިގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު ފޮނުވާފައިވާ ލިޔެކިޔުންތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުންދާކަމަށް ބުނެ އެވެ.

މިކަމާއި ގުޅިގެން ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ ކުރީގެ މިނިސްޓަރު ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައި ނުގެންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ދައުވާ އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގަ ދައުވާ ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/MohamedNasheed/status/1453916833539452930

ޒެނީޝާގެ އިތުރުން އެ މައްސަލައިގަ ދައުވާކޮށްދިނުމަށް އެދިފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާ އާއި ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާއި ޚިލާފް ކަންތައްތަކެއް ކުރުމުން ނެވެ. އަދި ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައް ވެސް ތަހުގީގުން ވަނީ ފާހަގަކޮށްފަ އެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ބުނީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގައި މިމައްސަލާގައި ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް