ދިވެހި ފިލްމީ ދާއިރާގައި ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުގެ ޖަމްޕުން ނަސްރުގެ ދުވަހަށް ހާއްސަކޮށް ކުރު ފިލްމެއް ރިލީސް ކުރަން ނިންމައިފި އެވެ.
ފިލްމުގެ ނަމަކީ "އޯވަޒަން" އެވެ. މި ފިލްމެ ލިޔެ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝާމިން އެވެ.
ޑަކްރެއިން ބުނީ "އޯ ވަޒަން" ފިލްމުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ސަލާމަތްވެ ދިވެހިންނަށް ނަސްރު ލިބުނު ގޮތެވެ.
ފިލްމުގައި އެ ބިރުވެރި ދުވަހުގެ ހަނދާންތައް އަދުގެ ޅަ ޖީލަށް އެނގޭ މިންވަރާއި ދިވެހި އަބުތޯލުން ގައުމަށްޓަކައިވި ގުރުބާނީ އާއި ކުރެއްވި ގައުމީ ޖިހާދުގެ މައުލޫމާތު އެނގުމުގެ މުހިންމުކަމާއި ގުޅުވާލާފައިވާނެ ކަމަށް ޑާކްރެއިން އިން ބުންޏެވެ. އަދި މިފަދަ ފިލްމެއް ހެދުމުގެ މަގުސަދަކީ އަހަރުމެންނަށް އަހަރުމެންގެ ގައުމު އަލުން އަނބުރައި ހޯދައިދިން ބަތަލުންނަށްޓަކައި ފަހުރުވެރިކަމާއެކު އަރުވާ ސެލިއުޓެއް ކަމަށް ބުންޏެވެ.
ޑާކްރެއިން ޖަމްޕް ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ރަޝީދު އާއި ވާޝިއާ މުހައްމަދު ހިމެނެ އެވެ.
ޑާކްރެއިން ޖަމްޕް އަކީ ފިލްމީ ދާއިރާއަށް އަލަށް ނިކުންނަ މީހުންގެ ހުނަރު ދައްކާލާ އެ މީހުންގެ މަސައްކަތްތައް މުޖްތަމައުއަށް ތައާރަފު ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން 2019 ވަނަ އަހަރު އުފެއްދި ފްލެޓްފޯމެކެވެ. އެގޮތުން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަންނުވެރިންގެ ހުނަރު ވީހާވެސް ގިނަ ބަޔަކާ ހަމައަށް ގެނެސްދިނުމަށް ޑާކްރެއިންގެ ޝޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރާނެ އެވެ.
ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު ތިން ވަނަ ދުވަހު ޑާކްރެއިންގެ ޔޫޓިއުބް ޗެނަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް