ތުހުމަތުތައް ސާފު ކޮށްދިނުމަށް އަލީ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓުގައި ނަން އޮތް ކަން އެނގިވަޑައިގަތުމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގ...

29 Oct 2019 | 12:44

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓުގައި ނަން އޮތް ކަން އެނގިވަޑައިގަތުމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން، އޭނާއަށް ކުރެވޭ ތުހުމަތުތައް ސާފުކޮށްދެއްވައިފިއެވެ.

އަލީ ހުސައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ތެރޭގައި އޭނާގެ ނަން އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންނަމަވެސް އޭނާއަށް އެފަދަ އަޑުތަކެއް އިވިވަޑައިގަތުމުން ފުލުހުންގެ އިދާރާއަށް ވަޑައިގެން އަހުމަދު އަދީބު އޭނާއަށް ދެއްވީ ކޮން ފައިސާއެއްކަން ފުލުހުންނަށް ސާފު ކޮށްދެއްވާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މެންބަރުންގެ ތެރެއިން މެންބަރު އަލީ ހުސައިނަށް އެމްއެމްޕީއާރްސީން ވަނީ 500،000 ރުފިޔާ ދެއްވާފައެވެ. ނަމަވެސް އެ ފައިސާއަކީ 18ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެވެސް ކުރިން ދެއްވާފައިވާ ފައިސާއެކެވެ. އޭރު އަލީ އަކީ ދައުލަތުގެ އެއްވެސް މަގާމެއްގެ އިތުރުން މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ބޭފުޅެއް ނޫނެވެ.

އަލީ ވިދާޅުވީ އެ ފައިސާއަކީ ސައްހަ މަސައްކަތްތަކެއް ކޮށްގެން އޭގެ އަގުގެ ގޮތުގައި އަދީބު ދެއްވަން ޖެހިވަޑައިގަންނަވާ ފައިސާގެ ތެރެއިން އެއްބައި ކަމަށެވެ. އެގޮތުން އޭނާ އަދީބަށް ކޮށްދިން މަސައްކަތުގެ އަގު އަދިވެސް ހަމަނުވާ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވަނީ އޭނާކުރި ހަލާލު މަސައްކަތުގެ އަގުގެ ގޮތުގައި ލިބުނު ފައިސާގެ ސަބަބުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓަށް އޭނާގެ ނަން އެރި ކަމަށްވާނަމަ އަދީބުގެ ވަކީލަކަށް އުޅުނު ކޮންމެ މީހަކުވެސް އެ ލިސްޓުގައި ހިމެނެންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އޭސީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި 18ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދު 44 އަކަށް އަރާ ކަމަށާއި 19ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކަށް ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް