ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ބާރުގަދަވެ، ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ މި ކޮޅިގަނޑު ރާއްޖެއާ ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާއިރާއިން މަޢުލޫމާތު ދީފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
"އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާ އަދި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ އިދާރާއިން އޮޅުން ފިލުވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކުރަމެވެ." އެ އިލްތިމާސްގައި ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިގޮތުން ދަތުރުކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރެއްވުމާއި ރޭގަނޑު ދަތުރުތައް ރާވާނަމަ، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރާކަމަށެވެ.
މީގެ އިތުރުން ޑައިވް ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަން ދިނުމަށް ދަންނަވާ ކަމަށާއި ކަނޑު ދަތުރުފަތުރު ކުރައްވާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދޭ ކަމަށް އެމްއެންޑީއެފްގެ އިލްތިމާސްގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް