ނޫމަޑި މައްސަލާގައި މުއިއްޒު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަނީ

ހައުސިން ޔުނިޓުތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކުގައި ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުމުގެ ...

29 Oct 2019 | 08:05

ހައުސިން ޔުނިޓުތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކުގައި ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުމުގެ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ މައްސަލާގައި އާބިޓްރޭޝަނަށް މުއިއްޒު ދެއްވާފައިވާ ބަޔާންތައް މާލިއްޔަތު ކޮމެޓީއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ބަޔާންތައް ދިރާސާ ކުރުމުގެ ގޮތުން މާދަމާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު އެ ކޮމެޓީއަށް ހާޒިރު ކުރައްވާނެ ކަމަށެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގާގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލްކޮށްފައިވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނިކޮށެވެ.

ނޫމަޑިއާ މަޝްވަރާކުރުމަށްފަހު ކޮމިޓީން ރައީސަށް ލަފާ އެރުވުމުން، ރައީސް ސޯލިހްގެ ހުއްދައާއެކު ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ކަމަށެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް