ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ހަތަރުވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގަމުންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަނ...

29 Oct 2019 | 05:20

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގަމުންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ހަތަރުވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއްވާގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/community އިން ލިބޭނެއެވެ.

މިއަހަރުގެ ކޮންމެ ކްއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދޭނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ މިދިޔަ ކުއާޓަރގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން، ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން، ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން، ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން އަދި ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން ހުށަހެޅުނު ޕްރޮޕޯސަލް އެވެ.

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް  މިވަނީ އިތުރުވެގެން ގޮސްފަ. މިގޮތުން، މިއަހަރު ތެރޭގައިވެސް "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 100 ޕްރޮޖެކްޓަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް