ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ. މިއަދު ހެނދުނު 06:00 ގައި ޖ...

29 Oct 2019 | 04:37

ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ.

މިރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް، އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އިތުރު މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު މިނިވަން ކުރުމަށް އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް