ދަތުގެ ފަރުވާއަށް ތ.އަތޮޅު ރައްޔިތުން މާލެއަށާއި ލ.އަތޮޅަށް ދިއުން ނިމުމަކަށް

ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ އިފްތިތާހް ކޮށްފިއެވެ. މި ހިދުމަތް އެ ހޮސްޕިޓަލުގައި އިފްތިތާހްކޮށްފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ހިދުމ...

29 Oct 2019 | 04:27

ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ އިފްތިތާހް ކޮށްފިއެވެ.

މި ހިދުމަތް އެ ހޮސްޕިޓަލުގައި އިފްތިތާހްކޮށްފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ތ. އަތޮޅުން މި ހިދުމަތް ހޯދާނެ ކަމުގައި ލަފާކުރެވޭ "ކެޗްމަންޓް ޕޮޕިއުލޭޝަން" އަކީ 16621 މީހުންނެވެ. އެއީ ތ. އަތޮޅުގެ އާބާދީއެވެ. މީގެ ކުރިން ދަތުގެ ފަރުވާ ހޯދުމަށްޓަކައި އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ މީހުން މާލެ އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ރިފާ ކުރެވިފައިވާކަމުގައި ހެލްތު މިނިސްޓްރީން ބުނެއެވެ.

މިހާރު ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ ތ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު، ސްޕެޝަލިސްޓް ފަސް ޑޮކްޓަރަކާއި މެޑިކަލް ދެ އޮފިޝަރަކާއި 11 ނަރުހުންގެ އިތުރުން ޓެކްނިކަލް ނުވަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދެއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ދަތުގެ ފަރުވާ އެ ހޮސްޕިޓަލުގައި ފަށާފައިވނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކޮށްފައިވާ ސެޓަޕަކާއެކީގައެވެ. މި ފަދަ ސެޓަޕެއް ގާއިމް ކުރުމަށް މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާގޮތުގައި މި ހިދުމަތް ގާއިމްކުރުމުން އާންމުގޮތެއްގައި ދަތުގެ ފަރުވާ ދިނުމަށް ކުރަންޖެހޭ ފަރުވާ އެ ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް