މި މަހުގެ 20ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހުރ ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރު އަލިފާނުގެ ހާދިސާގައި އަލިފާނުގެ އަސަރުކުރި ގެތަކުގައި ދިރިއުޅުނު މީހުންގެ ތެރެއިން ހަ ގައެއްގައި ދިރިއުޅުނު މީހުން އެމީހުންގެ ގެތަކަށް ބަދަލުވުމުގެ ހުއްދަ ދީފިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިތީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ހައުސިން މިނިސްޓްރިއާއި، އެންޑީއެމްއޭއާއި އެމްއެންޑީއެފްގެ އިންޖީނިއަރުން ހިމެނޭހެއް އަލިފާނުގެ ހާދިސާގައި މީހުން ބަދަލުކުރި ގެތައް ބަލަމުންދާ ކަމަށެވެ. އަދި ހަ ގައެއްގައި މީހުން އުޅެން ރައްކާތެރިކަން ކަށަވަރުކޮށް އެ ގެތަކަށް މީހުން ބަދަލުވުމުގެ ހުއްދަ ދީފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ މީހުން ބަދަލުކުރަނީ ގެތަކުގެ ވެރިންވެސް ގެއަށް ގޮސް ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުކަށެވެ.
މީހުން ބަދަލު ކުރަން ފަށާފައިވާ ގެތަކަކީ އަލިފާނުގެ އަސަރު ސީދާ ކޮށްފައި ނުވާ ގެތަކެވެ.
އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެކި ގޮތްގޮތުން 700އަށްވުރެ ގިނަ މީހުން އެންޑީއެމްއޭގެ އެހީތެރިކަން ހޯދާފައިވެއެވެ. އަދި ވަގުތީ ބޯހިޔާވަހިކަން 260އަށްވުރެ ގިނަ މީހުން ހޯދާފައިވެއެވެ.
އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ހާލުގައި ޖެހުނު މީހުންގެ ތެރެއިން 10 ގެއެއްގައި ދިރިއުޅެމުންދިޔަ މީހުންނެވެ. އެއީ 199މީހުން ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް