ސީނިއާ ސުޕްރިޑެންޓެންޓް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުއާޒު އަލީ، ރިޝްވަތުގެ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފި އެވެ.
"ދުވަސް"އަށް އެނގިފައިވާ ގޮތުގައި އޭނާ ވަކި ކުރީ ރިޝްވަތު ނަގައިގެން ކަސްޓަމްސްގެ އުސޫލުތަކުގެ ތެރެއިން ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ. އޭނާ ވަޒީފާއިން ވަކިކުރި ނަމަވެސް ރިޝްވަތު ނެގި މައްސަލަ އަންނަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ވަކިން ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އެ މުއައްސަސާގެ ސީނިއާ މުވައްޒަފަކު ވަކި ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ މިވަގުތު ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ މައްސައަކަށް ވާތީ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މުއާޒު އަލީ ރިޝްވަތުގެ މައްސަލައެއްގައި ވަޒީފާއިން ވަކިކުރިއިރު ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސްއިން ވަނީ ބަލަން ފަށާފައެވެ. މިކަމުގައިވެސް ކަސްޓަމްސް މުވައްޒަފުންތަކެއްގެ އަތް އުޅޭ ކަމުގެ އަޑުތަކެއް ފެތުރިގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް