އދ.ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ރާއްޖެއިން އިއްޔެ ބައިވެރިވެފައި ވަނީ "ޔޫއެން އާމް ޓްރޭޑް ޓްރީޓީ" އާއި "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" އަދި "ދަ ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މި ތިން މުއާހަދާގައެވެ.
މި މުއާހަދާތަކުގެ ތެރެއިން ޔޫއެން އާމް ޓްރޭޑް ޓްރީޓީ އަކީ ގަވައިދާ ހިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓުވުމަށް އެކުލަވާލި ޓްރީޓީއެކެވެ. "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" ހަނގުރާމައާ ނުބެހޭ އާންމުންނަށް ގެއްލުންވާ ގޮތަށް ބޮޑެތި ސަރަހައްދުތަކަށް ގެއްލުންދޭ ބޮމުގެ ބާވަތެއް ކަމަށްވާ "ކްލަސްޓާ ބޮމް"ގެ ވިޔަފާރި ކުރުމާއި ގެންގުޅުން ހުއްޓުވުމަށް އދ.އިން އެކުލަވާލި މުއާހަދާއެކެވެ. އަދި "ދަ ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އަކީ ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ދަށުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައެއް ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ދޭ އޮޕްޝަނަލް ޕްރޮޓޮކޯލެކެވެ.
އދ.ގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން މުއާހަދާގެ ލިޔުންތައް އދ.ގެ އޮފީސް އޮފް ލީގަލް އެފެއާޒްއާ ހަވާލު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ތިން މުއާހަދާގެ އިތުރުން ނިއުކްލިއާ ހަތިޔާރު ގެންގުޅުން މަނާ ކުރާ މުއާހަދާގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް