އަލުން ތަހުގީގުކޮށް ހިޔާނާތުގެ މައްސަލާގައި އަދީބަށް ހަތް ދައުވާ ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދަ...

29 Sep 2019 | 14:20

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ހުށަހެޅީ މި މަހުގެ 21 ގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާ މަނީ ލޯންޑަރިންގެ 2 ދައުވާއާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް ހިމެނެއެވެ.

ރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ދައުވާތައް އުފުލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ޚިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން ކަމަށެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ. އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މި މަހުގެ 21 ވަނަ ދުވަހު އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު ސްޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތްކުރި މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް އަދީބު މިވަގުތު ހުންނަވަނީ ގޭ ބަންދުގައެވެ. އޭނާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އަދީބު ވަނީ ފަހުން ހުކުމްތަކުން ސަލާމަތްވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް