49 ކިލޯގެ ޑްރަގް މައްސަލަ: ދެ މީހެއްގެ ދައުވާ އަނބުރާ ގެންގޮސްފި

އީރާނުގެ ބޯޓަކުން ރާއްޖެ ގެނައި 49 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ. މި މައްސަލާގައި ފަސް މީހެއް...

29 Sep 2019 | 14:09

އީރާނުގެ ބޯޓަކުން ރާއްޖެ ގެނައި 49 ކިލޯގެ މަސްތުވާތަކެތި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރާއިރު ދެ ތިބި ދެމީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެއްޗެއް ބޭނުން ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ދައުލަތުން ބުނީ ހަތް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް ދައުލަތުން ނިންމީ އެ ދެމީހުންގެ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް އަނެއް ފަސް މީހުންގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ ބަލި ހާލަތު ހުރި ގޮތުން ދެމީހެއްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން ނިންމި ކަމަށް އަންގާ މިއަދު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު މައްސަލަ ސާފުކޮށް ދެއްވުމަށް ފަހު، އީރާނު ބަހުން އެކަން ދައުވާ ލިބޭ މީހުންނަށް ތަރުޖަމާކޮށް ދިނުމަށް އެންގެވިއެވެ. މައްސަލާގައި ދައުވާ ލިބޭ ފަސް މީހުންގެ ގާނޫނީ ވަކީލް ވިދާޅުވީ އެ މައްސަލާގައި ހަމަޖެއްސި ތަރުޖަމާނަށް ރަނގަޅަށް ދިވެހި ބަސް ފަހުމް ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ވެސް ބުނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ދިވެހި ބަސް ރަނގަޅަށް އެނގޭ އަދި އީރާނު ބަހުން އެކަން އެ ފަސް މީހުންނަށް ވެސް ސާފު ކޮށްދެވޭ ވަރުގެ ތަރުޖަމާނަކާއި އެކުގައި ކަމަށެވެ.

އެހެންކަމުން މިއަދުގެ ޝަރީއަތް އިތުރަށް ކުރިއަށް ނުގެންގޮސް މެދުކަނޑާލިއެވެ. ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އެކަމަށް ފުރުސަތު ދިނުމަށް ފަހު ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް