ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ހުށަހެޅުމުން މަރުހަބާ ކިޔާ ކަމަށާއި އަންނަ އަހަރު އޮންނަ ކޮމަންވެލްތުގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރި ކުރަންޖެހޭ ކަމަށް ސްރީލަންކާއިން ބުނެފިއެވެ.
އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގެ ހަވާސާގައި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ ފޮރިން ސެކްރެޓަރީ ރަވިނަތަ އަރްޔަސިންހަ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ކޮމަންވެލްތުގެ ވަފްދެއް ރާއްޖެ އައިސްފައިވާ ކަމަށާއި އެ ވަފްދުން ރާއްޖޭގެ ހާލަތު ދިރާސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ވަރަށް ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާތް އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުންނާއި ދެކުނު އޭޝިއާގެ ގައުމެއްގެ ހައިސިއްޔަތުން ލަންކާއާ ރާއްޖެއާ ދެމެދު ވަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ.
އަންނަ އަހަރު ކޮމަންވެލްތުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ ރުވަންޑާގައެވެ. ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެ އަށް ވަޑައިގެންނެވީ އެޖަމާއަތުގެ މެމްބަރުކަން އަލުން ރާއްޖެ އަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އޭގެ އިތުރުން އެޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވާ ގްރޫޕެއް ރާއްޖެ އަށް ވަޑައިގެން، އިންތިހާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ވެސް އެ ޓީމުން ބުނެފައި ވެއެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ރާއްޖޭން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް އަރުވާފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް، ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސް ފޮނުއްވީ މިދޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ސިޓީފުޅުގައި، ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް