އިގްތިސާދީ މަސައްކަތްތަކުގައި ދިވެހިންނަށް އިސްކަން ދޭންޖެހޭ: ނާއިބު ރައީސް

ރާއްޖޭގައި ކުރާ ކޮންމެ އިޤްތިޞާދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާ...

29 Sep 2019 | 07:44

ރާއްޖޭގައި ކުރާ ކޮންމެ އިޤްތިޞާދީ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ޒުވާނުންނަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް ލިބުންކަމުގައެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި ޖޮބް ފެއާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއީ ފެށުމެއްކަމަށާއި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރުވެގެންދާތަން ފެނިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅު ފުށީގައި ކުރިޔަށްދާ މި ޖޮބްފެއާއަކީ ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފެއާއެކެވެ. އެގޮތުން މި ފެއާގެ ތެރެއިން 500އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް