ނިއުޕޯޓަށް ތަފާތު ކުރުން ގެންގުޅޭތީ އަދުރޭ ސަރުކާރަށް ފާޑުކިޔައިފި

15 ދުވަސްތެރޭގައި ނިއުޕޯޓު ހުރި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެތަން ހިންގާ ސްޓާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން އެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފާޑުވިދާޅު...

29 Sep 2019 | 07:13

15 ދުވަސްތެރޭގައި ނިއުޕޯޓު ހުރި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެތަން ހިންގާ ސްޓާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން އެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފާޑުވިދާޅުވެއްޖެއެވެ.

ނިއުޕޯޓު މައްސަލާގައި ސަރުކާރަށް ފާޑު ވިދާޅުވެ އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާއާ ބިގު ކުންފުންޏަށް ބަދަލު ދޭން ޖެހުމުން ސަރުކާރަށް އެއީ އެއްވެސް މައްސަލައަކަށް ނުވާ ކަމަށެވެ. ނަމަވެސް ނިއު ޕޯޓު މައްސަލާގައި އެތަން ފުނޑާލަން ސަރުކާރުން މަސައްކަތް ކުރާފަދަ މޭރުމަކުން އަދުރޭ ވަނީ ވާހަކަދައްކަވާފައެވެ.

"ނިއުޕޯޓް ވީމާ ފުނޑާލަން އޯކޭ، މިއީތޯ އެބުނާ ހައްގު މިންވަރަކީ ނޫނީ އިންސާފަކީ؟" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުގެ "އެޖެންޑާ19" ގެ ފިކުރު ދިމާނުވާ ފަރާތަކަށް ބޭނުން ގޮތަކަށް ކަންތައް ކުރުމަކީ އެ ސިޔާސަތުގެ ތަފާތުތޯ ސުވާލު ކުރައްވާފައެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ 15 ދުވަސްތެރޭގައި ނިއުޕޯޓު ހުރި ބިން ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެތަން ހިންގާ ސްޓާޑާ ޕްރައިވެޓް ލިމިޓެޑަށް  ހުކުމް ކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ސާބިތު ވެފައިވާ 1.1 މިލިއަން ރުފިޔާ އާއި ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސާލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުލީގެ އިތުރުން ޖޫރިމަނާ މިއަދުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ހައުސިންގ މިނިސްޓްރީ އާއި ސްޓާޑާ ކުންފުންޏާއި ދެމެދު ބްރިޖް ވިއު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން މާރޗް ހަތް ވަނަ ދުވަހު ބާތިލުކޮށްފައި ވަނީ ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް އެބިން ބޭނުންކުރުމުގެ ހައްގު ލިބިގެން ނުވާއިރު އެ ބިން ބޭނުންކޮށްފައިވާ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ މި ހުކުމް، ސްޓްރާޑާ ކުންފުނިން މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް