ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ބިލުގައި ހިމަނައި، ބިލު ފާސް ކުރުމަށްޓަކައި މާދަމާ، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މަޖިލީހުގެ އެޖެންޑާ އާއްމު ކޮށްފައިވާއިރު އެ އެޖެންޑާގައި ތާވަލު ކޮށްފައި ވަނީ އެންމެ މަސައްކަތެެވެ. އެއީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ މައްސަލައަށް ބަހުސް ކުރުމެވެ. އެއަށްފަހު މަޖިލީހުން މާދަމާ އެ ބިލަށް ވޯޓަށް އަހާނެއެވެ.
ގައުމީ ސަލާމަތު ކޮމެޓީން ބިލުގެ މަސައްކަތް ނިންމާފައިވާއިރު ބިލަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ ނުވެއެވެ.
މި ބިލުގައި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާއްމުންނަށް ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ. ޓެރަރިޒަމް މާނަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކުށެއް ކުރި ކަމަށްވާނަމަ އެވެ.
ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ބިލުގައިވެއެވެ.
ބިލުގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ގޮވާލުމަކީވެސް ކުށެއް ކަމަށެވެ. މީގެއިތުރުން ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރެއްކަން ނުވަތަ އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް ލުން ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމަކީ ވެސް ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް