ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއެކު ބޭއްވެވި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން އެކަމުގެ އެގްރިމެންޓްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެއްގަމުގެ ދަތުރުފަތުރާއި އޭވިއޭޝަން ދާއިރާގައި ރާއްޖެއަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
އަދި މެލޭޝިއާގައި ދިވެހި ދަރިވަރުން ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މެލޭޝިއަން އޭވިއޭޝަން އެކެޑެމީގައި އޭޓީސީ ޓްރެއިނިން ފުރުސަތުތައް ދިވެހީންނަށް ހޯއްދަވައިދޭނެކަމަށް ވެސް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް