އިމިގްރޭޝަން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެނިކޮށް އިމިގްރޭޝަނުން ޑީޕޯޓުކޮށްލި ބަންގްލަދޭޝަންގެ ދެ މީހުން ޑީޕޯޓުކުރުމުގެ ބަދަލުގައި އެ މީހުންގެ ހައްޔަރުކޮށް އެމީހުންގެ މައްސަލަ ތަހުގީގު ކުރިނަމަ މާ ރަނގަޅުވީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މި މަހުގެ13 ވަނަ ދުވަހާއި14 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ދެ ބިދޭސީއަކު ވަނީ ޑީޕޯޓު ކޮށްލާފައެވެ. އެ ދެމީހުންނަކީވެސް ރާއްޖޭގައި ތަފާތު އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ދެ މީހުންނެވެ. އެގޮތުން އޭގެތެރެއިން އެކަކަކީ ދިވެހިންގެ ތެރޭގައި ވެސް "މާސްޓަރު"ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އެމީހާގެ އަސްލު ނަމަކީ އެމްޑީ ޝަފީޤުލް އިސްލާމް ކަމަށެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ދެން ޑީޕޯޓު ކޮށްލީ އަބޫ ހަނީފް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް އިިގްރޭޝަނުން މަނީ ލޯންޑަރިންގެ ތުހުމަތު ކުރިއެވެ. އަދި އޭނާ ޑީޕޯޓު ކޮށްލުމާއި އެކުގައި އޭނާގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ދަތުރު ކުރަމުން ދަނީ ވެސް ބިޒްނަސް ކްލާހުގައެވެ. އަދި އޭނާ ރާއްޖެއަށް އައީ ވަޑިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އޭނާ ރާއްޖެ އައީ2014 ވަނަ އަހަރުގެ ތެރޭގައެވެ. މި މީހާގެ މައްސަލަ ވެސް ނުބަލާ އިމިގްރޭޝަނުން އޭނާ ޑީޕޯޓު ކޮށްލިއެވެ. މިކަމާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކު އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔައެވެ. ހާއްސަ ގޮތެއްގައި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ނުކޮށް ޑީޕޯޓު ކޮށްލުމުންނެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޑިޕޯޓުކުރި ދެ ބިދޭސީންނަކީ ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރު ކުރުމަށްފަހު އެމީހުން ގާނޫނާއި ހިލާފަށް ކުރަމުންދާ ވިޔަފާރިތަކުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ބެލުން ޑީޕޯޓު ކޮށްލުމަށްވުރެ މާ ރަނގަޅުވީސް ކަމަށް މިނިސްޓަރު ފައްޔާޒ ވިދާޅުވިއެވެ.
ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓު ކޮށްލުމަކީ މައްސަލައެއް ނޫން ކަަމަށާއި ނަމަވެސް "ބޮޑުން"ގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތައް ޑީޕޯޓުކޮށް ނުލާ އެމީހުން ހައްޔަރުކޮށް މައްސަލަތައް ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އިމިގްރޭޝަނުން ބުނީ އެ ދެ މީހުން ޑީޕޯޓު ކޮށްލިއިރު ކަމާ ގުޅުންހުރި އެއްވެސް މުއައްސަސާއަކުން އެ ދެ މީހުންނާއި ގުޅޭ އެއްވެސް މައްސަލައެއް ބަލަމުންދާ ކަމަކަށް ބުނެފައި ނުވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ ގާނޫނުގައި އޮންނަނީ ހަމައެކަނި އިދާރީ ފިޔަވަޅު އެޅުން ކަމަށް ބުނެފައިވާއިރު ޖިނާއީ ކަމެއްގެ ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއްގެ މައްސަލަ ބެލުމުގެ ބާރު ގާނޫނުން އިމިގްރޭޝަނަށް ދީފައި ނުވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް