ވޭތުވެ ދިޔަ ތިން ސަރުކާރަށްވުރެ މި ސަރުކާރުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު މާ ކާމިޔާބު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ ތިން ސަރުކާރަށްވުރެ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ދުވެލި 30 ޕަސެންޓް ހަލުވި ކަމަށާއި، މިސަރުކާރުގެ މަސައްކަތުގެ ސްޓެޓިސްޓިކްސް ބައްލަވާލެއްވުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ރައީސް ސޯލިހުގެ ސަރުކާރަށްވުރެ މާ ލަސް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދެ އަހަރު ގިނަ މަޝްރޫއުތަކެއް ހިންގި ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެފަދަ ކަންކަން ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން، މިއަހަރުގެ ކުރިއަށް ހުރި މަސްތަކުގައި އެތައް ތަނެއްގެ މަސައްކަތެއް ބާރު ދުވަލީގައި ނިމި، ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ ދުވެލި ލަސްކަމަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ މި ސަރުކާރުގެ ދުވެލި ލަސްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް