ކުރީގެ އަދަދާ ގުޅޭ...
ފުރާންވަންދެން ނަޒާން އިނީ ނިކަގަސް ކައިރީއެވެ. ޝައިލާ އާއި ސުމާ އޭގެ ފަހުން އެހިސާބަކަށް ނާދެއެވެ. ނަޒާނަށް ވިސްނެނީއެވެ. ޝައިލާ އަކީ ކާކު ހެއްޔެވެ؟ ނުވެސް ދަންނަ އަންހެން ކުއްޖަކު އޭނާގެ ހިތާއި ސިކުނޑިއާއި ހަމަ ރަގަޅަށް ކުޅެލައިފިއެވެ. ހިތުގެ އެންމެ ފުންމިނުން ގޮވަނީ އެއީ މާ ކުރިންވެސް ގުޅުމެއްވާ ކުއްޖެއް ކަމެވެ. ނޭންގި ނަމަވެސް ކޮންމެވެސް ހައިޖާނުގަނޑެއް ހިތުގައި އުފެދިއްޖެއެވެ. އަނެއްކާ ލޯބި ވެވުނީ ހެއްޔެވެ؟ ލޯބި ވެވިއްޖެ ނަމަ ހިތް ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ ހިތް ބިރުގަންނަންވީ ސަބަބެއް ވެސް ނުވިސްނުނެވެ. ފިލްމުތަކުން ފެންނަކަހަލަ އިޝްޤީ ލޯބީގެ އަވައިގައި އޭނާ ވެސް ޖެހުނީބާއޭ ހިތައް އަރަމުން ދިޔައެވެ.
ހަވީރު ގަޑިން 5:30 ގައި ފުރަން ހަމަޖެހިފައިވާއިރު، ފުރަތަމަ އައި ޕިކަޕުގައި މުސްކުޅި ގުރޫޕް، ހުރިހާ އެއްޗިއްސެއް ހިފައިގެން ފުރަން ހިނގައްޖެއެވެ. ޒުވާން ގުރޫޕު ބަލައި ޕިކަޕް އައިއިރު އަނދިރި ވަނީ އެވެ.
"ނަޒާން ކޮބާތަ؟" ކޮޅު ކޮޅު ހޯދައިލަމުން ނުހާ އަހައިލިއެވެ. ހުރިހާ އެންމެން ފުރަން ތައްޔާރުގައި ތިބިއިރު އެތަނުގައި މަދީ ނަޒާނެވެ. ނުހާގެ އަޑަށް ދެފަރާތް އެހެން މީހަކުވެސް ހޯދައިލިއެވެ. ދުރުން ސޯޓު ބުރިއަކާއި ދޫ ޓީޝާޓެއް ލައިގެން އަންނަ ޒުވާނާ ޝައިލާގެ ލޮލުގައި އަޅައިގަތެވެ. އެހިނގުމުން އެއީ ނަޒާން ކަން ކަށަވަރުވުމުން އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އެވަގުތު ކުޑަކޮށް މޫނުމައްޗަށް އަނދިރިވާހެން ވެސް ހީވާން ފެށިއެވެ. ކައިރީ ހުރި ސުމާގެ އަތުގައި ހިފައި ބާރުކޮށްލެވުނީ ނުވެސް ވިސްނާހުއްޓައެވެ.
"ޔޫ އޯކޭ؟" ސުމާ އަހައިލިއެވެ. ޝައިލާ ބޯހޫރައިލިއެވެ.
"ހޮޑު ލަވަނީ" ވައިއަޑުން ޝައިލާ ބުނެލިއެވެ. ސުމާ ލަސްލަހުން ލޯ މަރައިލިއެވެ.
"ފޯއްކޮޅެއް ދެންތަ؟ ހިފަހައްޓައިލެވޭނެތަ؟" ސުމާ އަނެއްކާވެސް އަހައިލިއެވެ. އޭރު ފަހަރަކު މީހަކު ޕިކަޕަށް އަރަމުން ދިޔައެވެ. ނަޒާން އައިސް ހުއްޓުނީ ޝައިލާ ކައިރީއެވެ.
ސުމާ ދިން ފޯއްޕެކެޓު އަނގަޔަށް އަޅައިގެން ޝައިލާ ހަފަންފެށިއެވެ. ކުޑަކޮށް ހަމައަކަށް އެޅުމުން އަވަހަށް ޕިކަޕަށް އަރައި ހަމަޖެހިލިއެވެ. ޝައިލާ ކައިރީ ދެފައި ވަށްކޮށްގެން ސުމާ އިންއިރު ޝައިލާގެ އަނެއް ފަރާތުގައި އިން ނަޒާން ފެނުމުން ނޭވާ ހިފަހައްޓައިލެވުނެވެ. މޭނުބައިކުރަން ފެށުމުން ފުން ނޭވާތަކެއް ދޫކުރަމުން ނަފްސު ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތްކުރިއެވެ.
ކަނޑުމަތީގައި ވެސް ޝައިލާ އިނީ އަނގަޔަށް ފޯއް އަޅައިގެން ހަފާށެވެ. ހޮޑު ނުލައިވޭތޯ އޭނާ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. މާލެ ދާން އައި ދަތުރުގައި، ނަސީބަކުން ނަޒާން އިނީ އެންމެ ފަހަތުގައެވެ. ނަޒާންގެ ހިޔަނިވިޔަސް ހަށިގަނޑުން ތުރުތުރު އަޅައެވެ. ހިތް އެހާ ބާރަށް ތެޅެންފަށައެވެ. އެވަރުން ހޮޑު މަތަކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ޖެޓީގައި ލޯންޗު ޖެއްސުމާއި އެކީ ހުރިހާ އެންމެން އަވަހަށް ފައިބަން ހިނގައިގަތެވެ. ޝައިލާ މިފަހަރު ވެސް އިނީ އެންމެ ފަހުން ފައިބާށެވެ. އެންމެން ފައިބައި ނިމުމުން ޝައިލާ ދާން ހިގައިގަތެވެ. ލޯންޗުން ފައިބަން އައި އިރު މިފަހަރު ވެސް އަތް ދިއްކޮށްލީ ނަޒާނެވެ. އިސްދަށަށް ޖަހައިލުމަށްފަހު ނަޒާންގެ މޫނަށް މައުސޫމް ގޮތަކަށް ބަލައިލިއެވެ. ނަޒާންގެ ދެލޮލަށް ރަގަޅަށް ފީނައިލެވިއްޖެއެވެ. ރީތި ޒުވާނެކެވެ. ބަލައިލަން ހިތްގައިމުގޮތެއް ހުރެއެވެ. އެއީ ކޮންމެ އަންހެން ކުއްޖަކު ވެސް ފިދާވާނެފަދަ ޗާލު ސޫރައެކެވެ. ނަޒާންގެ މޫނަށް ބަލަހައްޓައިގެން، އަތް އުފުލައިގެން ހުރި ޝައިލާގެ މޭގަނޑު ކުއްލިއަކަށް ތެޅެގަތް ކަހަލައެވެ. އަނގަ ފުރާ ނިކުތް ހުރިހާ އެއްޗެއް އަމާޒުވީ އަތްދިއްކޮށްގެން ހުރި ނަޒާންގެ މޫނަށެވެ.
ޝައިލާގެ މޫނަށް ބަލަންހުރި ނަޒާނަށް ލިބުނު ސިހުމާއި އެކީ ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް ސަލާމަތެއް ނުވިއެވެ. ނަޒާންގެ މުޅި މޫނު ހޮޑުން ޚަރާބުވެއްޖެއެވެ. އެވަރުން ޝައިލާ ހުއްޓައިލީއެއް ނޫނެވެ. ލޯންޗުގެ ކޮޅުގައި އުޑުފައިން އިށިންދެ، ބަނޑު ހުސްވަންދެން މޫދަށް ހޮޑުލީއެވެ. އެންމެން އެއްފަހަރާ ޝައިލާގެ ކައިރިއަށް އައިސް ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު މުޅިތަނުން ކަރަންޓުދިޔަ ކަހަލަ އިހުސާސެއް ޝައިލާ އަށް ކުރެވުނެވެ. ހަށިގަނޑުން ވާގި ދާހެންވެސް ހީވާންފެށިއެވެ.
ނިދިން ހޭލެވުނުއިރު އޮވެވުނީ މުޅިން އެހެން ތަނެއްގައެވެ. ޝައިލާ ދެފަރާތް ބަލައިލިއެވެ. ދެފަރާތުގައި ތިބީ އާއިލާގެ މީހުންނެވެ. އެއްފަރާތުގައި ސަމާހު އާއި ސުމާ ހުއްޓިލައިގެން ހުރިއިރު، އަނެއް ފަރާތުގައި ތިބީ ޝާއިރާ އާއި ހަލީމެވެ. ފައިލާކޮޅުގައި ޒާނާ ހުރިއިރު، އެތަނުގައި މަދީ ޝަހާމާ އެވެ. ބޯމަތީ ފެންނަން ހުރި އައިވީ އަށް ބަލައިލުމަށްފަހު ދެން ބަލައިލެވުނީ އަތައް ގުޅާފައިވާ ކައްޓަށެވެ.
"ޝައި ދަރިފުޅު ކިހިނެއްތަ؟" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ޝާއިރާ އަހައިލިއެވެ. އޭރުވެސް ޝައިލާ އޮތީ ވާނުވާ ނޭންގިފައެވެ.
"ޝައި ޓޭކް ރެސްޓް... އައިވީ ހުސްވީމަ ޗެކްކޮށްފަ ފޮނުވާލާނަމޭ ޑޮކްޓަރު ބުނީ" ޝައިލާ ހާސްވާހެން ހީވުމުން ސަމާހު ބުނެލިއެވެ. އެންމެން އެއްފަހަރާ ފެނުމުން ޝައިލާ މާބޮޑަށް ހާސްވާގޮތް ވީއެވެ. އެހެންކަމުން ސުމާ ބައިންދާފައި އެންމެން ނިކުތީ ބޭރަށެވެ.
"މާ ބޮޑު ކަމެއް ނޫނޭ ހަމަ އަނބުރައިގަނެގެން ވެއްޓުނީއޭ... ޝައިއްތަމެން ދާންވީނު ގެއަށް ޒާނާ ގޮވައިގެން؟" ސަމާހު ބޭނުންވީ އެތަނުން އެންމެން ފޮނުވައިލާށެވެ. އެންމެން މާ ހާސްބޮޑުކޮށްލައިގެން އުޅޭނަމަ ޝައިލާ ވެސް އިތުރަށް ހާސްވާނީއެވެ. ސަމާހުގެ އެދުމުގެ މަތިން އެންމެން ގެއަށް ދާން ހިނގައިގަތެވެ.
***
ފެންވަރައިގެން ނިކުތް ނަޒާން އޮތީ އުނުގަނޑުގައި ތުވާލި އޮޅާލައިގެން އެނދުގައި އޮށޯވެއެވެ. އެނދުގައި ދެފައި އެލުވައިލައިގެން ސީލިންގަށް ބަލަން އޮތްއިރު، ގައިން ރަގަޅަށް ފެން ނުހިކެއެވެ. ހީވާގޮތުން އެއޮތީ ހަމަ ދެންމެ ފެންވަރައިގެން ނިކުމެއެވެ. ޝައިލާގެ ފަރާތުން މިރޭ ދިން ހަމަލާއަކީ ދުވަހަކުވެސް މީހެއްގެ ފަރާތުން ލިބުނުކަހަލަ ހަމަލާއެއް ނޫނެވެ. ކާރަކަށް އަރުވައިގެން ޝައިލާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާ އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ފަހަތުން ދާން ވެސް ބޭނުންވިއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. މިހާރުވެސް ހިތް ގޮވަމުން ދިޔައީ އޭނާގެ ހާލަކީ ކޮބައިތޯ ބަލައިލާށެވެ.
ލޯ މަރައި ބާރުކޮށްގެން ނަޒާން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ވިސްނެމުން ދިޔައީ އެންމެ ކަމަކާ ދޭތެރޭ އެވެ. ސިފަވަނީ އެންމެ ސޫރައެކެވެ. މިއަދުގެ ދަތުރުގައި އެތައް ކަމެއް ވެއްޖެއެވެ. ދެމީހުން ވާހަކަ ނުދެއްކި ނަމަވެސް އިޝާރާތުންނާއި ލޮލުން އެތައް ވާހަކައެއް ދެއްކިއެވެ. އެހުރިހާ ކަމެއް ނަޒާންގެ ހިތައް ނަގައިގަނެވުނެވެ. ނަޒާން ކައިރިވުމުން ޝައިލާ އަށް ވީ ގޮތެވެ. ނަޒާން ފެނުމުން އެމޫނު މައްޗަށް ވެރިވެގަންނަ ކުލަވަރެވެ. ނޭވާލާ އަވަސްމިނާއި ފުންމިނެވެ. އެހިނގުމާއި އެ ބަލައިލުމެވެ. މިހުރިހާ ކަމެއް ނަޒާންގެ ހިތައް ނަގައިގަނެވުނެވެ. މިއީ ހަޔާތުގައި މިފަދަގޮތަކަށް މީހެއްގެ ހަރަކާތްތަކަށް މިހާ ބޮޑަށް ފާރަލެވުނު ފުރަތަމަ ފަހަރެވެ.
މިހެން އޮއްވައި އިތުރު އެއްޗެއް ސިފަވެގެން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ނަޒާންގެ ލޮލަށް ސިފަވީ ޝައިލާގެ އަތުގައި އަޅާފައި އޮތް ކެވެލިކޮޅެއްވެ. އަވަސް ފިޔަވަޅުތަކެއްގައި ޑްރެސިންގ ޓޭބަލް ކައިރިއަށް ގޮސް ވަތްގަނޑުގައި އޮތް ކެވެލިކޮޅު ނަގައި ބަލައިލިއެވެ. މިއީ އަނެއްކާ ޝައިލާގެ ކަނާއަތުގެ ކެވެލިކޮޅު ބާއެވެ؟ އެހިސާބުން ނަޒާންގެ ހިތް ބިރުވެރިކަމުން ފުރާލައިފިއެވެ. ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނެން ފެށުނެވެ. ދެތުންފަތް ފިއްތާ ބާރުކޮށްލަމުން އަމިއްލަ ސޫރަ ލޯގަނޑުން ބަލައިލިއެވެ.
***
އައިވީ ހުސްވުމުން، ގައިގައި ވަރުޖެއްސުމަށް އިންޖެކްޝަނެއް ޖެހުމަށްފަހު ޝައިލާ ގެއަށް ދޫކޮށްލީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. ގެއަށް އައިސް އެންމެ ފުރަތަމަ ވެސް ސަމާހު އަވަސްވެގަތީ ޝައިލާ އަށް ބޭސްކާންދޭށެވެ.
"ޝައި ނިތްކުރިމަތީ ލިޔެފަ ބައިންދަންވީ ދޯ ކޮންމެ ވަގުތަކު ނުބުންޏަސް ބޭސްކާން" ޝައިލާ ބޭސްކައި ނިމުމުން ސަމާހު ބުނެލިއެވެ. ސަމާހު އިނީ މިއަދު ޝައިލާ ބޭސް ނުކައި ދިއުމުން ވަރަށް ހިތްހަމަނުޖެހިފައެވެ.
"ބޮޑު ކަމެއްވިނަމަ... ދޮންބެ ކިރިޔާ ހިތް ނުހުއްޓުނީ" އަނެއްކާވެސް ސަމާހު ބުނެލިއެވެ. ޝައިލާ އިނީ އެއްވެސް ބަހެއް ނުކިޔައި އިސްޖަހާލައިގެންނެވެ. ޝައިލާ މާބޮޑަށް ހިތުގައި ޖެހިދާނެތީ އިތުރު އެއްޗެއް ނުބުނެ ސަމާހު ނިކުމެގެން ދިޔައީއެވެ.
"ޝައިއަށް އިނގޭތަ ޝައިއަށް ކުރެވުނު ކަމެއް؟" ސަމާހު ނިކުމެގެން ދިއުމުން ސުމާ އަހައިލިއެވެ. މަޑުމަޑުން ނޭންގެޔޭ ބުނުމުގެ ގޮތުން ޝައިލާ ބޯހޫރައިލިއެވެ.
"ނަޒާންގެ މޫނަށް ހޮޑުލީ" ޝައިލާގެ މުނަށް ބަލަން އިނދެ ސުމާ ބުނެލިއެވެ. އެވަގުތު ޝައިލާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް