ލަނޑެއް ނުޖެހި، މެޑްރިޑް ޑާބީއަށް ހަމަހަމަ ނިމުމެއް

ސްޕެނިޝް ލީގުގައި، މެޑްރިޑް ސިޓީއަށް ނިސްބަތްވާ ވާދަވެރި ދެ ބާރުގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. އެތުލެޓިކޯ މެޑްރިޑްގެ ވަންޑަ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗު އެއްވަރުވުމާއ...

29 Sep 2019 | 02:34

ސްޕެނިޝް ލީގުގައި، މެޑްރިޑް ސިޓީއަށް ނިސްބަތްވާ ވާދަވެރި ދެ ބާރުގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. އެތުލެޓިކޯ މެޑްރިޑްގެ ވަންޑަ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު މެޗު އެއްވަރުވުމާއެކު، ރެއާލް މެޑްރިޑް އަނެއްކާ ވެސް ވަނީ ލީގު ތާވަލުގެ އެއް ވަނަ މަގާމް ލިބިފައެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމާ އެންމެ ގާތަށް ދިޔައީ ރެއާލްގެ ކަރީމް ބެންޒެމާއެވެ. މެޗު ނިމެން 15 ވަރަކަށް މިނިޓަށް ވެފައިވަނިކޮށް އޭނާ ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާ އެތުލެޓިކޯގެ ގޯލްކީޕަރ އޮބްލަކް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އަނެއްކޮޅުން، އެތުލެޓިކޯގެ ޒުވާން ފޯވާޑް ޖޯ ފެލިކްސްއަށް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، ސައުލް އަށް ވެސް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. މި އެއްވަރާއެކު، އެތުލެޓިކޯ މެޑްރިޑް، ރެއާލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ވާދަވެރި 7 މެޗުން ވެސް އެ ޓީމަށް ވަނީ ރެއާލްގެ މައްޗަށް މޮޅެއް ހޯދޭގޮތް ނުވެފައެވެ.

ޕްރީ ސީޒަންގައި މުހިންމު ކުޅުންތެރިން ނުލާ ކުޅުނު އެކުވެރިކަމުގެ މެޗުން 7-3 ގެ ބޮޑު ބައްޔަކާ ކުރިމަތިވި ނަމަވެސް، އެތުލެޓިކޯއާ ދެކޮޅަށް ރޭ ރެއާލްއިން ވަނީ ވަރުގަދަ ކުޅުމެއް ކުޅެފައެވެ. އަނެއްކޮޅުން އެތުލެޓިކޯއިން ވަނީ ޑިސިޕްލިންކޮށް ވަރުގަދައަށް ޑިފެންސްކުރުމުގައި އެ ޓީމުގެ ފެންވަރު އަނެއްކާ ވެސް ދައްކާލާފައެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ވެސް އެޓޭކިންގ ކުޅުންތެރިންގެ ފަރާތުން ނިންމާލުމުގެ ކޮލިޓީ ފެނިގެން ނުދިޔައިރު، މެޗު އެއްވަރުވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ ރެއާލްއަށެވެ. ސީޒަންގެ ކުރީކޮޅު ކުޅުނު މެޗުތަކުން ބައިކޮޅަށް ލަނޑެއް ނުވަދެ މެޗެއް ނުނިމޭ ރެއާލްއިން މި ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 3 މެޗުގައި ވެސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ.

7 މެޗުން މި ވަގުތު 15 ޕޮއިންޓް ހޯދައިގެން ރެއާލް ތާވަލުގެ 1 ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ގްރެނެޑާއެވެ. އެ ޓީމަށް 14 ޕޮއިންޓް ލިބިފައިވާއިރު، 3 ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ބާސާ 4 ވަނައިގައި އޮތީ 13 ޕޮއިންޓާއެކުގައެވެ. 5 ވަނައިގައި 13 އޮތް ރިއަލް ސޮސެއިޑެޑް މިރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ، އެ ޓީމު ތާވަލުގެ 1 ވަނައަށް އަރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް