މިޔަންމާ ސަރުކާރުން އެ ގައުމުން ރޮހިންގާ މުސްލިމުން މަރަން ފެށުމުން ސަލާމަތް ވުމަށް އެތައް ލައްކަ ބަޔަކު ބަންގްލަދޭޝް އަށް ހިޖުރަ ކުރަމުން އަންނައިރު އިއްޔެ މިޔަންމާއިން ބަންގްލަދޭޝްއަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައި ގިނަ ބަޔަކު ގެއްލިއްޖެ އެވެ.
ނަފް ކޯރުގެ ބަންގްލަދޭޝް އާއި ވީ ފަޅީގެ އައްސޭރީގައި ހިނގި މި ހާދިސާއައި ބެހޭގޮތުން ބަންގްލަދޭޝް އިން ހާމަކޮށްފައިވާގޮތުގައި އިއްޔެ ހެނދުނު ވަގުތުގައި ބަންޑުން ޖަހައިލި އެ ދޯނީގައި ތިބި މީހުންގެ އަދަދު 100 އަށްވުރެ ގިނަ އެވެ. ނަމަވސް ސަލާމަތުން ބަންގްލަދޭޝް އަށް އަރާފައިވަނީ އޭގެން 17 މީހެއް ކަމަށާއި މިހާތަނަށް މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށްވެސް ބަންގްލަދޭޝްގެ ފުލުހުން ބުނެފައި ވެ އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.
އެ ހާދިސާއިން ސަލާމަތްވި މީހެއް ކަމުގައިވާ އުމުރުން 22 އަހަރުގެ ނޫރުލް އިސްލާމް ބުނެފައިވަނީ އެ ދޯނީގައި ތިބި މީހުންގެ އަދަދު 100 އަށްވުރެ ގިނަ ވާނެ ކަމަށާއި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި އޭނާގެ މަންމައާއި އަންހެނުންގެ އިތުރުން ތުއްތު ދަރިފުޅުވެސް އެ ހާދިސާގައި ގެއްލިފައިވާކަމަށް ނޫރުލް އިސްލާމް ބުނެފައި ވެ އެވެ.
"ދަރިފުޅު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރިން، އެކަމަކު ނުވި" ނޫރުލް އިސްލާމް ބުނެފައި ވެ އެވެ.
އެ ދޯނި ބަންޑުން ޖަހާލި ސަރަހައްދަށް މީހުންގެ ހަށިތައް ލައްގަމުން އަންނައިރު ބަންގްލަދޭޝްގެ ފުލުހުންނާއި އެމްބިއުލާންސް ތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މީޑީއާ ރިޕޯޓްތައ ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް