މިޔަންމާ އަސްކަރިއްޔާގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލަން ޖެހޭ: އދގެ ސެކްރެޓަރީ ޖެނެރަލް

މިޔަންމާގެ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާ މެދުވެރިކޮށް ހިންގަމުން އަންނަ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރަސް ގޮވައި...

28 Sep 2017 | 22:37

މިޔަންމާގެ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާ މެދުވެރިކޮށް ހިންގަމުން އަންނަ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރަސް ގޮވައިލައްވައިފި އެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވައިލެއްވީ އދގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވމުންނެވެ.

"ރޮހިންގާ މުސްލިމުންގެ ހާލަތު މިވަނީ އެންމެ ބާރަށް އުފެދެމުން އަންނަ ރެފިއުޖީ އެމަޖެންސީއަކަށް ވެފައި، އިންސާނިއްޔަތަށް ހުރި ބަނަކަމަކަށް ވެފައި" ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ގުޓޭރަސް ވިދާޅުވި އެވެ.

އދ އިން ހާމަކޮށްފައިވާގޮތުގައި މިޔަންމާއިން މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ މުސްލިމުންވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް ޖަމާވެފަ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ބިމުގައި ބޮން ވަޅުލުމާއި މުސްލިމުންގެ ގަޔަށް ބަޑިޖަހާ މެރުމާއި ފާޅުގައި ޖިންސީ އަނިޔާ ދިނުންފަދަ އެތައް ލާއިންސާނީ އަމަލުތަކެއް މިޔަންމާގައި ހިންގަމުން އަންނަ ކަމުގެ ރިޕޯޓްތައް އދ އަށް ލިބިފައިވާކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަންކަން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމުގައިވެސް ގުޓޭރަސް ވިދާޅުވި އެވެ.

ގުޓޭރަސް ގޮވައިލެއްވީ މިލިޓަރީ އޮޕަރޭޝަންތައް ހުއްޓައިލުމަށާއި އިންސާނީ އެހީ އަށް ފުރުސަތު ދިނުމަށާއި ގައުމު ދޫކޮށް ގޮސްފައިވާ ފަރާތްތަކަށް ސުލްހަވެރިކަމާއި އަމާން ކަމާއެކު އެނބުރި އެ ގައުމަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.

އދ އިން ހާމަކޮށްފައިވާގޮތުގައި މިޔަންމާގައި ހިންގަމުން އަންނަ ޖަރީމާތަކަކީ ނަސްލު ނައްތާލުމުގެ އަމަލެކެވެ. ނަމަވެސް މިޔަންމާއިން މިކަމަށް ދެކޮޅު ހަދަ އެވެ. މިޔަންމާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން ހަނގުރާމަ ކުރަމުން އަންނަނީ ނުރައްކާތެރި ޓެރަރިސްޓުންނާއި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް