N/A
ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ، ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުވައިދެއްވައިފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ޤީލާ ވިދާޅުވީ މި ޚިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަކުރުން ކަމަށެވެ. މިވަގުތުވެސް ވެއިޓްލިސްޓުގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިއުން މަދުކުރުން ކަމަށެވެ.
"މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން" ވަޒީރު ޤީލާ ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ސްޕެޝަލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. ސީއީއޯ ވިދާޅުވީ ނިއުރޮލޮޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީގެ ޚިދުމަތް ލިބޭނެ ކަމަށާއި، ޔޫރޮލަޖީގެ ކޮންސަލްޓޭޝަނާއި ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި ގެސްޓްރޯއެންޓޮލަޖީގެ ކޮންސަލްޓޭޝަންގެ ޚިދުމަތް ފެށިފައިވާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި އެންޑޮސްކޮޕީ އަދި ކޮލޮނޮސްކޮޕީގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ޕްލޭން ކަމަށެވެ.
ނިއުރޯ ސައިންސް ޔުނިޓުގައި ހިމެނޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހަކު ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. މެންދުރު ދޭއް ޖެހުމާ ހަމައަށް ނަންނޯޓު ކުރުމުގެ ފުރުޞަތު އޮންނައިރު، އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ޒަމާނީ ވަސީލަތްތަކާ އެކު ހަތަރު އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއެޓާ ކޮމްޕްލެކްސްއެއް ޤާއިމުކޮށް، 10 އެނދުގެ އައިސީޔޫއަކާއި 14 އެނދުގެ ނިއޮނޭޓަލް އައިސީޔޫއެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް