N/A
ނޭޕާލުގައި ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ފައިސާ ހޯދުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.
އެ ޖަމާއަތުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުން "ގިވްއޭޝިޔާ" ނަމަކަށް ކިޔާ ކްރައުޑް ފަންޑިން ޕްލެޓްފޯމެއް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެއެވެ. އެއާއެކު ބީއެމްއެލާއި އިސްލާމިކް ބޭންކުގެ ޒަރީއާއިން ޑޮލަރުން ވެސް ފައިސާ ފޮނުވެން އޮންނާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. ފަންޑަށް ފައިސާ ޖަމާކުރެވޭ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
ޖަމާކުރެވޭ ފައިސާ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއާ ހަމައަށް ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) މެދުވެރިކޮށް ކަމަށް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ. އެ ފަންޑުގެ ޓާގެޓަކީ 10000 ޑޮލަރެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ފަސް ޑޮލަރެވެ.
ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި މިދިޔަ ހަފުތާގައި ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ހިސާބަކުން ގްލޭޝިއާއެއް ކަނޑައިގެން ގޮސް ވެއްޓުމުންނެވެ. އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި ކިސަޑާއި ހިލަ ތިރީގައި އޮތް ވާދީތަކާއި ކޯރުތަކަށް ފައިބައިގެން ދިޔައިރު ކުރަމުންދިޔަ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންގަނޑު ބޮޑުވެ ފެތުރޭ ބާރުމިން ވަނީ އިތުރުވެފައެވެ.
މި ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ 1300 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު ފެންގަނޑު ދެމިގެން ދިޔަ މަގުމަތީ ހުރި އިމާރާތްތައް ކިސަޑާއި ކުނިބުނީގެ ތެރޭގައި ވަޅުލެވިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް