ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރު މިރޭގައި ނެގިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި، ނޭމާ އަދި އެމްބާޕޭ ފަދަ ތަރިން ހިމެނޭ ފްރާންސްގެ ޕީއެސްޖީ އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.
ރެއާލް މެޑްރިޑާއި ޕީއެސްޖީ އެއް ގްރޫޕަކަށް ލައްވާލިއިރު، ރެއާލް އަކީ ޕީއެސްޖީގެ ތަރި ނޭމާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކްލަބެވެ. އެހެނަސް، ޔޫރަޕްގެ ޓްރާންސްފާ ބާޒާރު ބަންދުވާން ހަފުތާއަކަށް ވެފައިވާއިރު، ނޭމާ ގަތުމުގެ ރޭހުގެ ކުރީގައި އުޅޭކަމަށް ބެލެވެނީ ރެއާލްއާ އެންމެ ވާދަވެރި ބާސެލޯނާއެވެ.
މޮނާކޯގައި މިރޭ ކުރިއަށް ދިޔަ ގުރުލުމުގެ ރަސްމިއްޔާތުގައި، ރެއާލް މެޑްރިޑާއި ޕީއެސްޖީގެ އިތުރުން ދެން ގްރޫޕް އޭ ގައި ހިމެނުނީ ބެލްޖިއަމް ލީގުގެ މިދިޔަ ސީޒަންގެ ދެ ވަނަ ހޯދި ކްލަބް ބުރޫޖް އާއި ޓާކިޝް ސްޕަރ ލީގު ކާމިޔާބު ކުރި ގަލަސަތަރާއި އެވެ.
އެންމެ ފަހުގެ ޗެމްޕިއަންސް ލިވަޕޫލް ހިމެނޭ ގްރޫޕްގައި މިފަހަރު ވެސް ވަނީ ނަޕޯލީ ހިމެނިފައެވެ. މިދިޔަ ސީޒަންގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުން ހަނިގޮތަކަށް ލިވަޕޫލް ނަޕޯލީގެ މައްޗަށް ކުރިހޯދާ ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރިއިރު، ލިވަޕޫލްއިން ވަނީ 6 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވެސްމެއެވެ.
ގްރޫޕް އީ ގައި ލިވަޕޫލް އާއި ނަޕޯލީގެ އިތުރުން ދެން ހިމެނެނީ އޮސްޓްރިއަން ބުންޑަސްލީގާގެ ޗެމްޕިއަން ރެޑް ބުލް ސަލްސްބާގާއި ބެލްޖިއަމްގެ ޗެމްޕިއަން ގެންކާއެވެ.
އެހެން ގްރޫޕްތަކަށް ބަލާއިރު ގްރޫޕް އެފް އަކީ ފޯރިގަދަ ގްރޫޕަކަށް ވާނެކަމަށް ބެލެވެއެވެ. ޖެހިޖެހިގެން 2 ސީޒަންގައި ބޮޑު ލީޑެއްގައި އޮތުމަށްފަހު ދެ ވަނަ ލެގުން ބަލިވެ ކެޓުމުގެ ހިތްދަތި ހަނދާންތައް ފިލުވާލުމަށް ނުކުންނަ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާ އެއް ގްރޫޕެއްގައި އޮތީ އިޓަލީގެ އިންޓަ މިލާން، ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް އަދި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރަހާއެވެ. އެހެންކަމުން، ބާސެލޯނާއަށް ގްރޫޕް ސްޓޭޖްގައި ވެސް މިއޮތީ ވަރުގަދަ ޗެލެންޖެކެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް:
ގްރޫޕް އޭ:- ޕީއެސްޖީ، ރެއާލް މެޑްރިޑް، ކްލަބް ބްރޫޖް، ގަލަސަތަރާއި
ގްރޫޕް ބީ:- ބަޔާން މިޔުނިކް، ޓޮޓެންހަމް، އޮލިމްޕިއާކޯސް، ރެޑްސްޓަރ ބްލެގްރޭޑް
ގްރޫޕް ސީ:- މެންޗެސްޓާ ސިޓީ، ޝަހުތަރު ޑޮނެސްކް، ޑައިނަމޯ ޒަގްރެބް، އެޓަލަންޓާ
ގްރޫޕް ޑީ:- ޔުވެންޓަސް، އެޓްލެޓިކޯ މެޑްރިޑް، ބަޔާ ލެވަކޫސަން، ލޮކޮމޯޓިވް މޮސްކޯ
ގްރޫޕް އީ:- ލިވަޕޫލް، ނަޕޯލީ، ރެޑްބުލް ސަލްސްބާގް، ގެންކާ
ގްރޫޕް އެފް:- ބާސެލޯނާ، ބްރޫޝިއާ ޑޯޓްމަންޑް، އިންޓަ މިލާން، ސްލަވިއާ ޕްރަހާ
ގްރޫޕް ޖީ:- ޒެނިޓް، ބެންފީކާ، ލިޔޯން، އާރްބީ ލިޕްޒިގް
ގްރޫޕް އެޗް: ޗެލްސީ، އަޔަކްސް، ވެލެންސިއާ، ލޮސްކް ލިލް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް