ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި އައި ކޮޅިގަނޑެއްގައި ވ.ފެލިދޫގެ ބައެއް ގެތަކަށް ގެއްލުންވެ، ދެ ބަނބުކެޔޮ ގަސް މުލުން ލުހިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 8:30 ހާއިރު ގަދަ ވިއްސާރައާއިއެކު އައި ކޮޅިގަނޑެއްގައި ފެލިދޫގެ ގެއެއްގެ ފުރާޅުގެ ބޮޑުބައެއް އެލާލައިފައިވާ ކަމަށާއި، އިތުރު ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށެވެ. އަދި އެރަށުގެ ދެ ބަނބުކެޔޮ ގަސް މުލުން ލުހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުރާޅު އެއްލައިލި ގޭގެ ފުރާޅުގައި އަލުން ޓިނު ޖެހުމާއި، ގެއްލުން ލިބުނު ގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ވެއްޓިފައިވާ ގަސްތައް ނަގައި ސާފު ކުރުމުގެ މަސައްކަތްވެސް އެރަށު ކައުންސިލުންނާއި އާންމު ރައްޔިތުން އަދި ފުލުހުން ގުޅިގެން ކުރިއަށް ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރިފައެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް