މަޖުބޫރުކަމެއް ބިރުދެއްކުމެއް ނެތް، ދަނީ ހިތުން ރުހުމުން ތަރައްގީއަށް ލޯބިކުރާތީ: ފޮނަދޫގައި ތިބި ސަރުކާރު މުވައްޒަފުން

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަނީ މަޖުބޫރުކަމެއް އޮވެގެން އަދި  ވަޒީފާގެ ބިރުދެއްކުމެއް އޮވެގެން ނޫންކަމުގައި ފޮނަދޫގައި ތިބި ސަރުކާރު ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ބުނެފިއެވެ. އެގޮތުން ފޮނަ...

29 Aug 2018 | 05:31

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަނީ މަޖުބޫރުކަމެއް އޮވެގެން އަދި  ވަޒީފާގެ ބިރުދެއްކުމެއް އޮވެގެން ނޫންކަމުގައި ފޮނަދޫގައި ތިބި ސަރުކާރު ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ބުނެފިއެވެ.

އެގޮތުން ފޮނަދޫގައި ހުންނަ ޕަބްލިކް ވޯކްސްގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ އެއްވެސް މީހަކު ސިޔާސީ ހަރަކާތްތަކަށް ދިއުމަށް މަޖުބޫރެއް ނުކުރާ ކަމަށެވެ. ނަމަވެސް ހަރަކާތެއް އޮންނަ ނަމަ އެކަމުގެ މެސެޖު ލިބޭ ކަމަށާއި އަދި ބައެއް ފަހަރު ގުޅާފައި އެ ހަރަކާތެއް އޮންނަކަން އަންގާލާކަމަށް އޭނާ ބުންޏެވެ.

"އަހަންނަކީވެސް ޕީޕީއެމް މެމްބަރެއްކަމުގައިވާތީ އަހަރެންގެ ނަމްބަރު މިކޮޅު ޕީޕީއެމް ޓީމް މެމްބަރުންގެ އަތުގައި އޮންނާތީ އަހަންނަށްވެސް ބަރާބަރަށް އިވެންޓް ތަކުގެ މެސެޖު އާދޭ، އެ މެސެޖެއް އައުމުން އެ އިވެންޓެއްގައި ބައިވެރިވަނީ ތަރައްގީއަށް ލޯބިކުރާތީ، އަދި ރަށަށް ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީއަށް ޝުކުރުވެރިވާތީ" އެ މުވައްޒަފު ބުންޏެވެ.

އެ މުވައްޒަފު ވަނީ ފޮނަދޫ ޕަބްލިކް ވޯކްސްގައި ވަޒީފާ އަދާކުރާ އެހެންނަމަވެސް ޕީޕީއެމްގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި މިހާތަނަށް ބައިވެރިނުވާ ދެތިން މީހުންގެ ނަމްބަރުވެސް މި ނޫހާއި ހިއްސާކޮށްފައެވެ. އެކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލާލަން ގުޅާލުމުން އެ ފަރާތްތަކުންވެސް ބުނީ ނުދަނީ ވަގުތު ނުވާތީއާއި "އެހެނިހެން ކުދި ކުދި" ސަބަބުތައް ހުންނާތީ ކަމަށެވެ. އެހެންނަމަވެސް އެ އިވެންޓްތަކުގައި ބައިވެރިނުވާތީ އިންޒާރެއް އައިސްފައި ނުވާކަމަށްވެސް އެ މުވައްޒަފުން ބުންޏެވެ.

މިގޮތަށް ދުވަހަށް މައުލޫމާތު ދެމުން ބައެއް މުވައްޒަފުން ބުނެފައިވާއިރު ރައީސް ޔާމީނަށް ތާއީދުކޮށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމާއެކު ފޮނަދޫގައި އިއްޔެ ސައިކަލުބުރެއް ބާއްވާފައިވެއެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. މިއީ ގަން އަދި ފޮނަދޫގައި މިހާތަނަށް އެންމެ ގިނަ މީހުންނާއެކު ބޭއްވި ސައިކަލުބުރުކަމަށް ފޮނަދޫގައި މި ހަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ބުނެއެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ފޮނަދުއަކީ ސިޔާސީ ފޯރި އިންތިހާއަށް ގަދަ ރަށެކެވެ. ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އުފަން ރަށަކީ ފޮނަދޫކަމުގައިވާއިރު ފޮނަދޫގައި ޕީޕީއެމް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި މި އިންތިހާބުގައިވެސް އިދިކޮޅު ކޮސް ކޮށްލާވަރުގެ އަގުލަބިއްޔަތެއް ފޮނަދޫން ރައީސް ޔާމީނަށް ހިތުން ރުހުމުން ހަދިޔާ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް