ރެއާއި މިއަދުގެ ވަގުތުތަކެއްގައި، ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ބައެއް ކުންފުނިތަކުގެ ހިދުމަތަށް ބުރޫއެރިނަމަވެސް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި އިތުރު ވަގުތު ދިނުމުގެ ވިސްނުން އިލެކްޝަންސް ކޮމިޝަންގައި ނެތްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނީ ދުވަސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އެސްއެމްއެސް ހިދުމަތަށް ބުރޫއެރިނަމަވެސް އަޅުގަނޑުމެންގެ ވެބްސައިޓަށް ބަރާބަރަށް ވަދެވޭނެ، ވެބްސައިޓުން ޗެކުވެސް ކުރެވޭނެ" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވިއެވެ.
އިންޓަނެޓް ހިދުމަތް ނެތި ވެބްސައިޓަށް އާންމު ރައްޔިތު މީހާ ވަންނާނީ ކިހިނެއްތޯ އެހުމުން އަކްރަމް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް ހިދުމަތްދޭ އެއް ކުންފުންޏަކަށްވުރެ ގިނަ ކުންފުނި ހުރިއިރު ހިދުމަތް ބުރޫއެރީ ހުރިހާ ކުންފުންޏަކަށް ނޫން ކަމަށެވެ.
"ދިރާގު އެބައޮތް، އާރުއޯއެލް އެބަ އޮތް، އުރީދޫ އެބައޮތް" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް މިހެން ވިދާޅުވިނަމަވެސް އާރުއޯލެލްގެ ހިދުމަތް މައިގަނޑުގޮތެއްގައި ދެނީ ފުރަމާލެއަށާއި ދަ ގްރޭޓާ މާލެ އޭރިއާއަށެވެ. ރަށްރަށުގައި އާންމުކޮށް ހިދުމަތްދެނީ އުރީދޫ އަދި ދިރާގުންނެވެ. އުރީދޫ އަދި ދިރާގުގެ އިންޓަނެޓް ހިދުމަތަށްވެސް ރެއާއި މިއަދު ކޮންމެވެސް ވަރެއްގެ ބުރުލެއް އެރިކަން ފާހަގަކުރެވިގެންދިޔައެވެ. އަދި އެފަދަ ކަމެއް އުޅޭތީ އެ މައްސަލަ ހައްލުކުރަމުން އަންނަކަމަށް އުރީދޫއިންވެސް ބުނެފައިވެއެވެ.
ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށް އިލެކްޝަންސުން ބުނެފައިވަނީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 ގެ ނިޔަލަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށް ކަމަށާއި މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް