މީސް މީޑިއާއަށް ނަޒަރު ހިންގާލުމުން ދައްކާން މިއުޅޭ ވާހަކައިގެ ބޮޑު މަންޒަރު ފެނިގެންދާނެއެވެ. އެކެއްގެ ޕްރޮފައިލްގައި "ސަމްޕާފުޅު އޯންސް" އަނެކެއްގެ ޕްރޮފައިލްގައި "ހަސަންތަކުރު އޯންސް" މިހެން ލިޔެފައި ހުއްޓާ މި ފަހަކަށް އައިސް ފެންނާނީކީ މަދަކުން ނޫނެވެ.
މައްސަލައަކީ ކޮންމެހެން އެހެން ޖެހުމެއް ނޫނެވެ. ޕްރޮފައިލްގައި އެހެން ޖެހުމަކުން އަދި މާ ބޮޑު މައްސަލައެއް ނެތްތާއެވެ. ނަމަވެސް މައްސަލައަކީ ގަދަކަމުން އެކަކު އަނެކަކު ލައްވާ އެހެން ޖެހުވުމެވެ. ނުސީދާކޮށް މަޖުބޫރު ކުރުވުމެވެ. މިސާލަކަށް އަންހެން ކުއްޖާ އެގޮތަށް ލިޔެފައި ފިރިހެންކުއްޖާއަށް އޭގެ ސްކްރީންޝޮޓް ފޮނުވައި "ބޭބްސް، މިހެން ޖަހާބެ" ބުނުމަކީ ކަން ގޯސް ވާން ފަށާ ހިސާބެވެ.
އެނގޭހެއްޔެވެ. ދިރާސާތަކުން ދައްކާފައިވާގޮތުގައި ލޯބީގެ ގުޅުމެއްގައި އެކަކު އަނެކަކަށް މަޖުބޫރު ކުރުވާން ފަށައިފިނަމަ އިސާހިތަކު އެ ލޯބި ނަފްރަތަށް ބަދަލުވާގޮތްވެއެވެ. އަދި ކޫސަނި މައްސަލަތަކުގެ ހާއްޔަކަށް އެ ގުޅުންވެ ގުޅުން ނިމުމަކަށް ގެންނަން ޖެހެއެވެ.
ދައްކަން މިއުޅެނީ ހަމަ އެކަނި ޕްރޮފައިލްގައި އެހެން ޖަހާލައި ނިންމާލާ ވާހަކައެއް ނޫނެވެ. އެކަކު އަނެކަކަށް ސޯޝަލް މީޑީއާ އެކައުންޓްތަކުގެ ޕާސްވޯޑުވެސް ހިއްސާ ކުރަން ޖެހެނީއެވެ. އިތުބާރު ނުކުރާތީކީ ނޫން ކަމަށް ބުނެއެވެ. މިކަންވެސް ފެށެނީ އެކަކު ޕާސްވޯޑު ދީފައި "ބޭބްސް މީ މަގެ ޕާސްވޯޑްސް، ބޭބްސްގެ ކޮބާ!؟" މިހެން ކުރެވޭ ސުވާލުންނެވެ.
ޕާސްވޯޑް ލިބުމާއެކު ދެން އޮންނާނީ އެކަކު އަނެކަކުގެ އެކައުންޓް ކޮނުނު ގޮތަކަށް ކޮނެ އަދި 24 ގަޑިއިރު އެ އެކައުންޓަށް ސަވައިލެންސް ޖެއްސުމެވެ. އެހެން އަންހެން ކުއްޖަކަށް ނުވަތަ ފިރިހެން ކުއްޖަކަށް "ހައި" ޖަހާލިޔަސް، އޮންލައިންގައި އިނދެ އަނގައިން ނުބުންޏަސް ސަލާމަތެއް ނޯވެއެވެ. ނުވިތާކަށް އެހެން އަންހެން ކުއްޖަކަށް ފްރެންޑް ރިކުއެސްޓް ފޮނުވާތޯއާއި އެހެން އަންހެންކުދިން އެޑްކުރަނީ ކިހާވަރަކަށްތޯވެސް ބަލާނެއެވެ.ބައްދަލުވާ ކޮންމެ ފަހަރަކު ކޯލް ލިސްޓު ބަލައި، އެ ކޯލް ލިސްޓުގެ އަދަދުން 30 ހަމަވޭތޯ ބަލައި، އެއްވެސް ނަމްބަރެއްގެ ކޯލް ލޮގިނެއް ޑިލީޓްކޮށްފައިވޭތޯވެސް ބަލައެވެ. އަދި ކޮންމެ ކަމަކާ ސުވާލު އުފައްދާ ބޮޑު ހައިޖާނުގަނޑެއް އުފައްދާލާނެއެވެ. މި ދައްކަނީ ހަމަ އެކަނި އަންހެން ކުދިންގެ ވާހަކައެއް ނޫނެވެ. މިފަދަ ކަންކަމުގައި ހައްދުފަހަނައަޅާ ދިއުމުގައި ފިރިހެން ކުދިންވެސް އުޅެނީ ހަމަ އެއް ހަމައެއްގައި ކަމަށްވެއެވެ.
އެނގޭހެއްޔެވެ. ކޮންމެ ގުޅުމެއްގެވެސް މައި ތަނބަކީ އެ ގުޅުމެއްގައި އެކަކު އަނެކަކަށް ކުރެވޭ އިތުބާރެވެ. އެ އިތުބާރު ހޯދުމަށް ނުވަތަ އެ އިތުބާރު އެކަކު އަނެކަކަށް ކުރުމަށް އެކަކު އަނެކަކުގެ ޕާސްވޯޑާއި އުޅޭ ހުރިހާ ތަނެއްގެ "ޓައިމް ލޮގިން ޝީޓް" ދޭ ހިސާބަށް ދާންވެއްޖެ ނަމަ އެ ގުޅުމުގައި ޝައްކުގެ ހުޅުރޯވެ އެ ގުޅުން ހީނަރުވާން ފައްޓައެވެ. އަދި އަނެކާއަށް ތިމާގެ ނުފޫޒު ފޯރުވާކަމުގައި އަނެކާއަށް ހީވާން ފަށައިފިނަމަ ލޯބި ދާނީ ފޫއްސަށް ބަދަލުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް