ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެގެ ތެރެއިން ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ޕޮސިޓިވް މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
މިއީ ރާއްޖޭގައި ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއެއްގައި ޕޮސިޓިވް މީހަކަށް ފަރުވާ ދޭ ފުރަތަމަ ފަހަރެވެ. ފެސިލިޓީތައް ގާއިމްކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި އަދި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނީ ހއ. ކެލާއިން ކޯވިޑަށް ޕޮސިވްވި މީހާއަށް ކަމަށެވެ. އެމީހާ ވައިރަހަށް ޕޮސިޓިވްވެފައިވަނީ އިއްޔެ އެވެ.
އެ ރަށުން ޕޮސިޓިވްވެފައިވަނީ ފިރިހެނެކެވެ. ކެލާ ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެމީހާ އަކީ އެރަށުގައި ދުއްވާ ބޯޓެއްގެ ކެޕްޓަނެކެވެ. ހެލްތް މިނިސްޓްރީން ބުނީ ފުނަދޫ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ނަމަވެސް އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ ތެރެއިން އިތުރު ފެސިލިޓީއެއްގައި މީހަކަށް ފަރުވާ ދެމުން ނުދެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވެފައިވަނީ ފެސިލިޓީތައް ތާއްޔާރީ ހާލަތުގައި ހުރި ނަމަވެސް މާ ގިނަ މީހުން ނެތް ނަމަ އަތޮޅު ތެރެއިން ޕޮސިޓިވްވާ މީހުންނަށް ފަރުވާދޭނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. އެއީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް