ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު މަސް ދޯންޏެއްގައި، އެ ދޯނީގެ ކެޕްޓަން (އުމުރުން 45 އަހަރުގެ ފިރިހެނެއް) ގދ. ކޮނޮއްޓާ ކައިރީގައި އޮންނަ ތިލަޔަކުން އެންދަމަން ފުޅި އަޅައިގެން މޫދަށް ފޭބިގޮތަށް ހަބަރެއް ނުވެގެން ދޯނީގައި ތިބި ދެ މީހުން އޭނާ ހޯދުމަށް މޫދަށް ފައިބާ ބެލި އިރު އޭނާ މޫދު އަޑީގައި ހޭނެތިފައި އޮއްވާ ފެނިގެން ނަގައިގެން 06:01 ހާއިރު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
"ހޮސްޕިޓަލަށް މި މީމާ ގެނައި އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވެފައިވޭ" ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ، އެ ރަށު ވައިލެޓް ވާދީ، ހުސެއިން ދީދީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް