ހިކެން ބޭނުން ނަމަ އާންމުކޮށް ހިޔާރު ކުރަނީ މި ދެގޮތުން ކުރެ އެއް ގޮތެކެވެ. އެއް ގޮތަކީ މޮޅު ޑައިޓެއް ފެށުމެވެ. އަނެއް ގޮތަކީ ވަރުގަދައަށް ކަސްރަތު ކުރަން ފެށުމެވެ. އެހެން ނަމަވެސް ހިކުމުގެ އަސްލު ގުޅިފައިވަނީ ހަމަ އެކަނި ޑައިޓަކާ ނޫނެވެ. ހަމަ އެކަނި ކަސްރަތަކާވެސް ނުމެ ނޫންމެވެ. ހިކުމާއި އެންމެ ބޮޑު ގުޅުމެއް ވަނީ ކެވޭ މިންވަރެއްގެ މައްޗަށާއި ކެވޭ ކެވުމެއްގެ ގޮތުން ހަށިގަނޑަށް އިތުރުވާ ކެލަރީ އަންދާލުމާއެވެ.
ހިކެން މަސައްކަތް ކުރާއިރު ހެދޭ ވަރަށް ބޮޑު ގޯހެއް ވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ ކޮންމެ ދުވަހަކު ބަރުދަން ބެލުމެވެ. އަދި ޑައިޓެއް ނުވަތަ ކަސްރަތެއް ކުރަން ފަށާފައި ޖެހިގެން އަންނަ ދުވަހު ނުވަތަ ހަފްތާއެއްހާ ދުވަސްތެރޭގައި ބަރުދަން ބަލާ ޗެކު ކުރުމެވެ. ހިކެން ކުރާ މަސައްކަތުން އެންމެ ހަފްތާއަކުން ބަރުދަން ލުއި ނުވެއްޖެ ނަމަ ނުވަތަ އެދެވޭ ނަތީޖާއެއް ނުފެނިއްޖެ ނަމަ "ޑީ މޯޓިވޭޓްވެ" ހުއްޓާލެވޭގޮތް ވެއެވެ. އެ ހިސާބުން، ކުރަން ފެށި ޑައިޓާއި ފެށި ކަސްރަތު ނިމުމަކަށް އާދެއެވެ. އެހެންކަމުން ތަޖުރިބާކާރުން އިލްތިމާސް ކުރަނީ ހިކެން ކުރާ މަސައްކަތުން ނަތީޖާއެއް ނިކުންނާނީ 4 ނުވަތަ 6 ހަފްތާ ފަހުން ކަމަށެވެ.
ކަމާބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ހިކެން އެންމެ ފަސޭހަ ގޮތަކީ ކާ ކޮންމެ އެއްޗެއް ނޯޓު ކުރަމުން ދިއުމެވެ. އެއީ ރަހުމަތްތެރިޔާގެ ތަށިން ދެ ފޮތި ޗިޕްސް ކޮޅު ކަމަށްވިޔަސް އެވެ. ކާ ތަކެތި ނޯޓް ކުރަމުންދާނަމަ، ހަށިގަނޑަށް އެތެރެވާ ކެލަރީސް ނޯޓް ކުރަން ފަސޭހަވެއެވެ. އަދި ނޯޓު ކުރަމުންދާނަމަ ބޭކާރު ކެއުންތަކުން ކެއުން އޮޓޯއިން މަދުވާނެކަމުގައިވެސް ތަޖުރިބާކާރުން ބުނެއެވެ.
ނޯޓު ކުރަން ކޮންމެހެން ނޯޓު ފޮތެއް ގެންގުޅެން ނުޖެހެއެވެ. މޯބައިލް ފޯނުގައި ބޭނުންކުރެވޭ އެޕްލިކޭޝަނަކުންވެސް އެކަން ކުރެވިދާނެއެވެ. ގޫގަލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން އެފަދަ އެޕްސް ތައް ލިބެން ހުރެއެވެ. "ފުޑް ލޮގިންގް" ޖަހާފައި ސާޗް ކޮށްލުމުން މިފަދަ އެތައް އެޕްލިކޭޝަނެއް ފެންނާނެއެވެ. ތަޖުރިބާކާރުން ބުރަވާގޮތުގައި ހިކެން މިއަށްވުރެ ވަކި ފަސޭހަ ގޮތެއް ނޯންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް