ސައުތު އެފްރިކާގެ ކޭޕް ޓައުންގައި މިއަހަރު ފެށުނު ފަހުން ކޮންމެ ދުވަހަކު އަށް މީހުން މަރާލައެވެ.
ބީބީސީ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ކޮންމެ ދުވަހަކު މަދުވެގެން އަށް މީހުން މަރާލައެވެ. މިކަން ކުރަނީ އެ ސިޓީގެ ގޭގްތަކަށް ނިސްބަތްވާ މީހުންނެވެ.
މި ޖުލައިމަހުގެ އެއް ހަފްތާ ބަންދުގައި 43 މީހުން މަރާލާފައިވާކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ.
ސައުތް އެފްރިކާގެ ހާއްސަ އަރމީ އެއް މިހާރު އެ ސިޓީ ގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް ފުލުހުންގެ ހާޒިރުގައި ވެސް އެ ސިޓީގައި ދަނީ މީހުން މަރަމުންނެވެ. މި ހަމަލާތައް ދޭ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހައްޔަރުކުރެވިފައެވެ.
ޓުވަރިޒަމް އަށް މަޝްހޫރު މި ސިޓީގެ ދެވަނަ ނަމަކީ "މާޑަރ ޓައުން" އެވެ. އެ ސިޓީގެ މީހުން އެތަން ސިފަކުރަނީ ވަރަށް ނުރައްކާތެރި އަވަށެއްގެ ގޮތުގައެވެ.
ސައުތު އެފްރިކާ ފުލުހުން ބުނާގޮތުގައި، ކިތަންމެ ވަރަކަށް މީހުން ހައްޔަރު ކުރިނަމަވެސް މި ހަމަލާތައް ދޭ މީހުން މަދު ނުވެއެވެ. އެމީހުން ގެންގުޅެނީ ފުލުހުންނަށް ވުރެވެސް ބޮޑެތި ބަޑި ކަމުގައި ފުލުހަކު ބުންޏެވެ.
މި ހަމަލާތައް ދޭ މީހުން އެ ސިޓީގެ އަންހެން ކުދިން ރޭޕް ވެސް ކުރެއެވެ. މީގެ އިތުރުން މީހުން ފޭރުމަކީ ވެސް މި ގޭންގުން އެ ސިޓީ ގައި ކުރާ ވަރަށް އާންމު ކަމެކެވެ. އެ އަވަށުގެ މީހުން ސިފަކުރާ ގޮތުގައި، މި ބިރުވެރިކަން އަހަރުތަކެއް ވާއިރުވެސް ނުހުއްޓޭނެއެވެ. އަދި އެމީހުންނަށް އެއްވެސް މުސަތަގުބަލެއް ނުފެންނާނެ ކަމަށްވެސް މީހުން ބުނެއެވެ. އަދި ހަމަލާދޭ މީހުން އެ ހަމަލާތައް ދެނީ ކީއްވެގެންކަން ނޭންގޭކަމަށް ވެސް އެ އަވަށުގައި ދިރިއުޅޭ މީހުން ބުނެއެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި މި ސިޓީގައި މީހުން މެރުމުގެ 10 އިންސައްތަ ވަނީ އިތުރުވެފައެވެ.
މި ސިޓީ އަކީ ފަތުރުވެރިންގެ ތެރޭގައި މަގްބޫލު ސިޓީ އެކެވެ. ނަމަވެސް މިހާރު މިސިޓީގައި ވަނީ ބިރުވެރިކަން ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް