ހަނގުރާމަވެރި އައިއެސް ޖަމާއަތާއި ގުޅުން އޮންނަ، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތަކަށް ދިވެހި ރާއްޖޭގެ ބަޔަކު ފަންޑު ކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
އެ ގައުމުގެ ފުލުހުންގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނރަލް ދޭޑީ ޕުރަސެތުޔޯ ބުނެފައިވާގޮތުގައި ޖަމާހް އަންސަރުތު ދައުލާ ނަމަކަށް ކިޔާ، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތުގެ ނިރުބަވެރިއެއް ކަމަށްވާ ނޮވެންދުރީ ނަމަކަށް ކިޔާ މީހަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށް ހިންގަމުން އަންނަ ތަހުގީގުން އެނގިފައިވާގޮތުގައި ފަސް ގައުމަކުން އެ ޖަމާއަތަށް ފަންޑު ކުރިކަން އެނގިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ފަސް ގައުމަކީ ރާއްޖެ، ޓްރިނިޑޭޑް، ޓޮބާގޯ، ޖަރުމަނު ވިލާތް، ވެނެޒުއޭލާ އަދި މެލޭޝިޔާ އެވެ.
މި ފަސް ގައުމުން ވެސްޓާން ޔޫނިއަން މެދުވެރިކޮށް އެ ޖަމާއަތަށް އެ ގައުމުގެ ފައިސާއިން ބަލާނަމަ 413 މިލިޔަން ރުޕީސް (29569 ޑޮލަރު) ފޮނުވާފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ގުޅުން ހުރި ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް