ޕާޓީގެ ވިސްނުމާއި ފަލްސަފާ ދޫކޮށްފައި ރިފޯމް ކުރެވޭނެ އެއްޗެއް ނޯންނާނެކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ. ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ދިނުމަށްޓަކައި މިރޭ ދަރުބާރުގޭގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މައުމޫންގެ ރިޕޯމް މޫވްމެންޓް ހަރަކާތަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގައި މިހާރުވެސް އޮތީ ޕީޕީއެމް އުފެދުނު އިރުވެސް އޮތް ފަލްސަފާކަމުގައެވެ.
ޕާޓީން ރިފޯމް ކުރަން ބޭނުންވި ހުރިހާ އެއްޗެއް އެއޮތީ ޕާޓީގެ ފަލްސަފާގައި ލިޔެފައިކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ޕާޓީގެ ފަލްސަފާގައި އެހެން ލިޔެފައި އޮއްވާ އަދި އެއަށް ބަދަލެއް ނާންނަނީސް ރިފޯމް ކުރަން ނިކުމެގެން އުޅޭމީހުން އެމީހުންގެ ރިފޯމްގައި ކޮންކަމެއް ނުލިޔެވިގެންތޯ ނިކުމެގެން އުޅެނީ އަމިއްލަ އަށް ސުވާލުކުރަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފެއްދުމަށް ރައީސް މައުމޫންއާއެކު މަސައްކަތްކުރި ބޭފުޅުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ ހަމައެކަނި އެމަނިކުފާނުކަމަށެވެ.
ޕާޓީ އުފެދުނުއިރު އޮތް ބަދަހިކަން ޕާޓީގައި މިހާރު އޮތްނަމަ ޕީޕީއެމްއާއި ކައިރިކުރެވޭނީ ކޮންބަޔަކަށްތޯ ރައީސް ޔާމީން ސުވާލުއުފެއްދެވިއެވެ. " ޕާޓީގެ ތެރެއިން އުފެއްދި ލީޑަރުން ޕާޓީއަށް އެންމެ ބޮޑެތި ގެއްލުންތައް ދިނީ. ބޭރުން އައި ބަޔެއް ނޫން، އިދިކޮޅު ފިކުރުގެ ބައެއް ނޫން މިހުރިހާ ގެއްލުމެއް ދިނީ. އަޅުގަނޑުގެ ޒަޢާމަތުގައި ނައިބު ރައީސެއް ހަރެއް ނުލާ، އެއީ އެމްޑީޕީން ކުރި ކަމެއް ނޫން، އެތައް ވަޒީރުންނެއް ބަދަލުކުރަންޖެހުނު، އެއީ އެމްޑީޕީން ވަޒީރުން ނަގައިގެންނެއް ނޫން. " ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީޕީއެމްގެ ވެރިކަން ފުރަތަމަ އުފެދިގެން އައިރު ރައްޔިތުންގެ މަޖިލީހުން ސުޕަރ-މެޖޯރިޓީއެއް ލިބިފައި އޮތްކަމަށާއި، ޕީޕީއެމްއިން ވަކިވެވަޑައިގެން ، އޮޑިން ފުންމާލި ބޭފުޅުން ފުންމާލީ ކީއްވެތޯ އެބޭފުޅުން އަމިއްލަ ނަފުސާ ސުވާލުކުރަންޖެހޭކަމަށެވެ. އޭރުވެސް މިހާރުވެސް ޕީޕީއެމްގެ ސިޔާސަތަށް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް