ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ނައިބުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމައްސައިދިނުމަށް އިލެކްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގައި އެދެފިއެވެ.
އެކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނާ ގޮތުގެ މަތިން، 18 އޮގަސްޓް އިން ފެށިގެން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާކަމުގައެވެ.
އޮގަސްޓް 18 ވަނަ ދުވަހަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް އިއުލާންކޮށް ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރަން ހަމަޖައްސާފައިވާ ދުވަހެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނަނީ އެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް އިއުލާނުކުރާ ދުވަހުން ފެށިގެން، ރައީސްގެ މަގާމަށް އިންތިޚާބުވާ ބޭފުޅަކު މަގާމާ ހަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިން މޭޓުންނަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑެންސީ ފޯމު މިހާތަނަށް ހުށަހަޅުއްވާފައިވަނީ ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އެކަންޏެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިންވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް