މި ސަފުތައް މިގޮތަށް ބަދަހިކަން މަތީ އޮވެދާނެބާ؟

ޖުލައި 26 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމް އެބޭފުޅުންގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ހިންގަވާފ...

29 Jul 2018 | 11:08

ޖުލައި 26 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމް އެބޭފުޅުންގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ހިންގަވާފައި ވަޑައިގެންނެވި " ދަތުރު" އެއީ ގިނަބައެއްގެ ލޯތައް އަމާޒުވެގެން ދިޔަކަމެކެވެ. މިނިވަން ދުވަހު "މިނިވަން" ކަމާއެކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސްބޭފުޅުންނާއި މެމްބަރުންނާއި ސަޕޯޓަރުންނާއެކު އިބޫ އާއި ފައިސަލް ނަސީމް ވަޑައިގެންނެވީ އެމްޑީޕީ އޮފީހުން ފެށިގެން އިލެކްޝަން ކޮމިޝަނާ ހަމައަށެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުން އެ ދެބޭފުޅުން ގެންދެވީ ރަސްމީ އިއްޒަތުގައެވެ.

މާލޭ މަގުމަތީގައި އެއްވެސް ކަހަލަ އެއްވުމެއް ނުބޭއްވޭތާ ދެ އަހަރަށް ވުރެ ގިނަވެދާނެއެވެ. ފުލުހުންގެ ހުރަސް އެޅުމާއެކު އެއްވެސް ކަހަލަ އެއްވުމެއް ،އަޑުއުފުލުމެއް މާލޭގައި ނުބޭއްވި ގިނަ ދުވަސްތަކެއް ވުމަށްފަހު ފެނިގެން މިދިޔަ ހިނގާލުމުން ގިނަ ބަޔަކަށް ހިނުތުންވުން ގެނެސްދިނެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކަށެވެ. މި ހިނގާލުން ފަށަން ފުލުހުން ހުރަސް އެޅިނަމަވެސް ފަހުން އޮތީ ދޫދީފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަކީ މަގުމަތީ ހަރަކާތްތަކަށް ފަރިތަ، ކެމްޕޭންކުރުމުގައި ވެސް ތަފާތު ކަން ދައްކަމުން އަންނަ ޕާޓީއެކެވެ. މިފަހަރު އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ތާޢީދުކުރާ މީހުންވެސް ހިމެނެއެވެ. އެހެންކަމުން މި ހަރަކާތުން ފެނިގެންދިޔަ ތަފާތުކަންވެސް ބޮޑުކޮށް ފެނިގެންދިޔައެވެ. ބޮޑުބެރާއެކު ކުރިޔަށްދިޔަ މިހިނގާލުމަށް ފުން ނަޒަރަކުން ބަލާލަމާ ހެއްޔެވެ؟

ހިނގާލުމުގެ އެންމެ ކުރިން ފެނިގެންދިޔައީ އެމްޑީޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކެމްޕޭނު ކުރުމަށް ބޭނުންކުރަމުންދާ " ޖަޒީރާ ރާއްޖެ" ގެ ބޮޑު ދިދަތަކެކެވެ. އެ ދިދަތަކުގެ ފަހަތުން ފެނިގެންދިޔައީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބޮޑެތި ދިދަތަކެވެ. އެއަށްފަހު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމް އާއެކު އިދިކޮޅު ކޯލިޝަންގެ މެމްބަރުން ހިންގަވާފައި ވަޑައިގެން ނެވިއިރު ހިނގާލުމުގެ ބައިވެރިން ތިބީ އެ މީހެއްގެ ފިކުރަކާ ގުޅުންހުރި ދިދަ ހިފައިގެންނެވެ. މާނައަކީ މިއެއްވުމުން އެމް.ޑީ.ޕީ އައި ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫން ރަމްޒުކޮށްދިނުމަށްޓަކައި ފިޔާތޮށި ކުލައިގެ ދިދައެއްގައި އެމް.އާރު.އެމް ޖަހާފައި ހުރި ދިދަތައް ފެނިގެންދިޔައެވެ. މިއީ ތަފާތު އެކި ސިޔާސީ ފިކުރު ރަމްޒުކޮށްދޭ ދިދަތެކެވެ.

މި ސިޔާސީ ފިކުރުތައް އެކީގައި މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، އެކި ސަބަބުތަކާހެދި ޖަލަށް ލާފައި ތިބި މި ސިޔާސީ ފިކުރުތަކުގެ އިސްލީޑަރުން މިނިވަން ކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ މި ސިޔާސީ ފިކުރުތައް އެކަތިގަނޑަކަށްވެ ތިބެ މަސައްކަތްކުރާ މައިގަނޑު ސަބަބެވެ. އިދިކޮޅު ޕާޓީތަކުގެ އިސްލީޑަރުން އެކިވަރުގެ ޖަލު ހުކުމްތަކުގައި ތިއްބެވިއިރު ލީޑަރ ޝިޕްގައި ހިމެނޭ ބައެއް މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުންނަށްވެސް އެކިވަރުގެ ޖަލު ހުކުމްތައް ވަނީ އައިސްފައެވެ. މީގެއިތުރުން ޖަލު ހުކުމެއް ނެތި ޖަލުގައި ތިއްބެވި ބޭފުޅުންވެސް އެބަތިއްބެވިއެވެ. އެހެންކަމުން އެކައްޗެއްގެ ގޮތުގައި މިބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޖަލުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަށް އިންސާފު ހޯއްދަވައިދެއްވުމަށެވެ. އެކަމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ އިދިކޮޅު ކޯލިޝަނުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެކަން ވާން އޮތީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ހުރިހާ އެންމެން އެކައްޗެއް ކިޔައިގެންނެވެ. ސިޔާސީ ފިކުރު ކިތަންމެ ތަފާތުވިޔަސް، މާޒީގައި އެކަކު އަނެކަކާ ދިމާލަށް ކޮންމެ އެއްޗެކޭ ބުނެފައި އޮތަސް އިދިކޮޅު ކޯލިޝަނަށް މަޖުބޫރުވެފައިވަނީ އެކަންކަން ހަނދާން ނައްތާލާ ބަދަހި ސަފުތަކެއް ގާއިމްކުރާށެވެ. ޚިޔާލު ތަފާތު ވިޔަސް އެއީ އެކައްޗެއްކަން ދައްކަން ޖެހެއެވެ. މިހިނގާލުމުން އިދިކޮޅު ކޯލިޝަނުން ގާއިމްކޮށްފައިވާ ބަދަހި ސަފުތައް ފެނިގެންދިޔައެވެ.

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމުގެ ފޯމިޔުލާއަކީ ދިވެހިންގެ ތެރޭގައި ކާމިޔާބު ފޯމިޔުލާއެއްކަން މާޒީން ހެކިދެއެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގުމަކީ މިހާތަނަށް ވެފައިވާ ކަމެއް ނޫނެވެ. މިހާރު އުފެދިފައި މިވާ އިދިކޮޅު ކޯލިޝަން އުފެދިފައި މިވަނީ ރިޔާސީ އިންތިޚާބުގެ މާކުރިންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިކޯލިޝަނުން ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. މިސަރުކާރު ނިމުމަކަށް ގެނައުމަށް ތަފާތު އެކި ކަންކަން ކުރަމުންދިޔަތަން ވަނީ ފެނިފައެވެ. ނަމަވެސް މިހާތަނަށް އެއިން ކަމެއް ކާމިޔާބު ވެފައެއް ނުވެއެވެ. ދެން އޮތީ ވޯޓެވެ. ރައްޔިތުން ނިކުމެ ވޯޓުލައިގެން ބުނާނެ އެއްޗެއް އަދި ނޭންގެއެވެ. އެހެންނަމަވެސް އިނގޭކަމަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިނިވަންކުރުމަކީ އިދިކޮޅު ކޯލިޝަނަށް އެންމެ މުހިންމުވާނެ ކަމެވެ.

މިހިނގާލުމަށް ބަލާނަމަ ހިނގާލުމުން މަދުވާ އެންމެ މުހިންމު ބަޔަކީ ކޮންމެ ފިކުރެއްގެވެސް ލީޑަރުންނެވެ. އެ ލީޑަރުން މިބޭފުޅުންނާއެކު މިހާރު ފެންނަން ނެތުމަކީ އިދިކޮޅު ކޯލިޝަނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. އިދިކޮޅު ކޯލިޝަނުން އެއް ގަލަކަށް އަރައި އެންމެންނަށް އެއްބަސް ވެވޭ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ހޮވައިފިއެވެ. އެބޭފުޅުން ކޯލިޝަނާއެކު ސަފު ހައްދަވައިގެން އިލެކްޝަން ކޮމިޝަނާ ހަމައަށް ކެންޑިޑެންސީ ފޯމު ހިތްޕަވައިގެން ވަޑައިގެންފިއެވެ. އިލެކްޝަނޮ ކޮމިޝަނުން ވަނީ އެދެބޭފުޅުންގެ ކެންޑިޑެންސީ ޤަބޫލުކޮށް ލިޔުން ހަވާލުކޮށްފައެވެ. ދެން އޮތީ ވެރިކަމަށް އައުމެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އިދިކޮޅު ކޯލިޝަނާއެކު އެބޭފުޅުން އިލެކްޝަން ކޮމިޝަނާ ހަމައަށް ކުރި ދަތުރު ރައީސް އޮފީހާ ހަމައަށް އެބަދަހި ސަފުތަކާއެކު ކުރިޔަށް ގެންދެވިދާނެތޯއެވެ؟ އަދި ރައީސް އޮފީހާ ހަމައިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެގޮތަށް ދެމި އޮވެދާނެތޯ؟

ބައެއް ފަރާތްތަކުން ބުނާގޮތުގައި މިސަފުތައް ބަދަހިކަން މަތީ، ކޮންމެ ސިޔާސީ ފިކުރެއްގެ ލީޑަރުން މިނިވަންވަންދެން ތިބެދާނެއެވެ. އިދިކޮޅު ކޯލިޝަނަށް ވެރިކަމަށް އާދެވިއްޖެނަމަ އެންމެ އިސްކަމެއްގެ ގޮތުގައި ކުރާނީ އެކަމެވެ. ކޮންމެއަކަސް އިނގޭކަމަކީ އިބޫ އާއި ފައިސަލް ނަސީމަށް މިއީ ފަސޭހަ ދަތުރަކަށް ނުވާނެކަމެވެ. ވެރިކަމަށް އާ ދެވިއްޖެނަމަ މި ދެބޭފުޅުންނަށް ޖެހިވަޑައިގެންނަވާނީ މި ތަފާތު އެކި ސިޔާސީ ފިކުރުތައް އެއްގޮތް ކޮށްގެން އެއެންމެންގެ ހިތްރުއްސައިގެން ގެންގުޅޭށެވެ. އެއީ މިހާތަނަށް އެއްވެސް ވެރިއަކަށް ވެފައިވާ ކަމަކަށް ނޫނެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ މިސަފުތައް ބަދަހިކަން މަތީ ކިހާ ދުވަހެއް ވަންދެން އޮންނާނެހެއްޔެވެ؟ އިދިކޮޅު ކޯލިޝަނަށް ވެރިކަމަށް އާދެވިއްޖެނަމަ  ވައުދުވެފައިވާ ވާފަދަ އިންސާފުވެރި ވެރިކަމެއް ކޮށްދިނުމަށް މި ސަފުތަކުގެ ބަދަހިކަން މުހިންމެވެ. ކޮންމެއަކަސް ކަންކަން ވެގެންދާނެ ގޮތް ފެނިގެންދާނީ ވަގުތާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް