ރީ-ރެޖިސްޓްރޭޝަނަށް ހުށަހެޅޭ ހުރިހާ ފޯމެއްގެ ޞައްހަކަން ޔަޤީންކުރާނެ – އީސީ

ރީ- ރަޖިސްޓްރޭޝަން ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގައި ، އޮޅުވާލުން ތަކެއް ހުރިހަކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ލިބެމުންދާތީ ، ކޮމިޝަނަށް ހުށަހެޅޭ ހުރިހާ ފޯމެއްގެ ޞައްހަކަން ކަށަ...

29 Jul 2018 | 10:17

ރީ- ރަޖިސްޓްރޭޝަން ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގައި ، އޮޅުވާލުން ތަކެއް ހުރިހަކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ލިބެމުންދާތީ ، ކޮމިޝަނަށް ހުށަހެޅޭ ހުރިހާ ފޯމެއްގެ ޞައްހަކަން ކަށަވަރުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ކޮމިޝަންގެ މެމްބަރ އަދި ސްޕޯކްސް ޕާސަން އަހަމަދު އަކްރަމް " ދުވަސް " އަށް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަން ފޯމުތައް ހުށަހަޅާއިރު އޮޅުވާލުންތަކެއް ހުންނަކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރަމުން ގެންދާކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އެކަމުގެ ތުހުމަތުތައް ކުރަމުންގެންދާތީ އާއެކު ކޮމިޝަނަށް ހުށަހެޅޭ ހުރިހާ ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ ޞައްހަކަން ކަށަވަރުކުރުމަށް ނިންމީކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ޞައްހަ ނޫން ފޯމެއްނަމަ ރިޖެކްޓްކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ފޯމުތަކުގެ ޞައްހަކަން ބެލުމަށްޓަކައި ފޯމުގައި ހުންނަ ހުރިހާ މައުލޫމާތުތައް ޞައްހަތޯ ކޮމިޝަނުން ބަލާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ފޯމުގައި ޖަހާ ފިންގަރ ޕްރިންޓް އެއީ އެމީހާގެ ފިންގަރ ޕްރިންޓްތޯ ފުލުހުންނާ ގުޅިގެން ބައްލަވާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވަނީ ރީ-ރަޖިސްޓްރޭޝަން ފޯމުތައް ފުލުހުންނަށް ފޮނުވައިގެން އެއީ ޞައްހަ ފޯމުތަކެއްތޯ ކަށަވަރުކޮށްފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަން ކުރުމަށް ހުޅުވާލާފައިވާއިރު އިލެކްޝަން ކޮމިޝަނުން މީގެކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރީ ރަޖިސްޓްރީ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ފޯމް ފުރާކަމުގެ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބޭކަމަށާއި އެކަމަށް އާންމުން ސަމާލުވުމަށް އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް