އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައި ހުރި ރިސޯޓްތަކުގެ އިތުރުން، އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެކަމާ ގުޅިގެން ...

29 Jul 2018 | 08:00

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައި ހުރި ރިސޯޓްތަކުގެ އިތުރުން، އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާންގައި ބުނަނީ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100  މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. 100 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ހަތް ރިސޯޓެއްގައެވެ. ނަމަވެސް ފަހުން އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާގޮތަށް ކޮމިޝަނުން ނިންމިއެވެ. އޭގެ ފަހުން ހަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާގޮތަށް ނިންމިއެވެ. އަދި މިހާރު އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން ޖުމްލަ 44 ރިސޯޓެއްގައި މިހާތަނަށް ވޯޓު ފޮށި ބަހައްޓާގޮތަށް އިލެކްޝަން ކޮމިޝަނުން މިވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް