ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު މާލޭސިޓީގައި އޮންނާނެއެވެ.
ޝަރަފުގެ ހިނގާލުން 16:00 ގައި ފެށުމަށް ހަމަޖެހިފައިވާނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށެވެ.
ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ. ޝަރަފުގެ ހިނގާލުން ކުރިން ބޭއްވުމަށް ނިންމީ 27 ޖުލައި ވީ ހުކުރު ދުވަހުއެވެ. ނަމަވެސް ކުޅިވަރުތައް ފަސްކުރުމާއި ގުޅިގެން ޝަރަފުގެ ހިނގާލުން މިއަދު ބޭއްވުމަށް ހަމަޖެއްސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް