ވެރިންގެ ނިމުން ހިތިވާން ޖެހޭތަ؟

މިއީ 2018 ވަނަ އަހަރެވެ. އިންތިޚާބު އޮންނަ އަހަރެވެ. ރައްޔިތުން ބަސްބުނާ ދުވަސް މިއޮތްގެން ގާތްވަނީއެވެ. ދަސްކުރަންވީ ބައިވަރު ކަންކަން ސިޔާސީ މީހުންނަށް ދަސްވާނެއެވެ. ފަހުމްވާންވީ ބައިވަރު ކަންކަން ރ...

29 Jul 2018 | 04:01

މިއީ 2018 ވަނަ އަހަރެވެ. އިންތިޚާބު އޮންނަ އަހަރެވެ. ރައްޔިތުން ބަސްބުނާ ދުވަސް މިއޮތްގެން ގާތްވަނީއެވެ. ދަސްކުރަންވީ ބައިވަރު ކަންކަން ސިޔާސީ މީހުންނަށް ދަސްވާނެއެވެ. ފަހުމްވާންވީ ބައިވަރު ކަންކަން ރައްޔިތުންނަށް ފަހުމް ވާނެއެވެ. އިބްރަތް ހާސިލް ކުރަންވީ ކިތަންމެ ކަމެއް ހޯދާ، ބަލާ އަދި ދިރާސާ ކުރާމީހުންނަށް ފެންނާނެއެވެ. މިއަދު ދައްކަން މިއުޅެނީ އެފަދަ އިބްރަތް ހާސިލް ކުރަންޖެހޭ ކަމެއްގެ ވާހަކައެވެ. އާދެ! ހިންދު ކަނޑުގެ އޮތް އެންމެ ރީތި ކުޑަކުޑަ ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޚްތަށް ރެދެލިކުރައްވާ ވެރިންގެ ނިމުން އައިގޮތުގެ ވާހަކައެވެ. އެކަމުން އިބްރާތް ލިބިގެންނަންޖެހޭ ވަހާކައެވެ.

ފުރަތަމަ ޖުމްހުރިއްޔާއިން ފަށަމާ ހިންގާށެވެ. ފުރަތަމަ ޖުމްހުރިއްޔާގެ ބާނީއަކީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ރާއްޖޭގައި ޒަމާނުއްސުރެ އޮތް ވިރާސީ ރަސްކަން ޖުމްހުރިއްޔަތަކަށް ބަދަލުކޮށް ލާމާރުކަޒީ އުސޫލުން ރާއްޖެ ހިންގަވަން ފެއްޓެވި ވެރިޔަކީ ރައީސް މުޙައްމަދު އަމީނެވެ. 01 ޖެނުއަރީ 1953 ވަނަ ދުވަހު ފެށުނު އަމީންގެ ވެރިކަން ދެމިއޮތީ ކިހާ ދުވަހަކު ހެއްޔެވެ؟ އެންމެ 233 ދުވަހެވެ. ނުވަތަ 7 މާހާއި 21 ދުވަހެވެ. ކީއްވެގެން ހެއްޔެވެ؟ މުޙައްމަދު އަމީން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކީ އަގު ވަޒަންކުރަން ނުކުޅެދޭހާ ގިނަގުނަ ޚިދުމަތްތަކެވެ. ޒަމާނީ ދިވެހިރާއްޖެއަކަށް ހެއްދެވުމަށް އެމަނިކުފާނުގެ ސިކުނޑީގައި ގެންގުޅުއްޅި ޚިޔާލާތާއި ތަސައްވަރަކީ ތައުރީފް ޙައްޤު ތަސައްވުރުތަކެކެވެ. ނަމަވެސް އުފެދޭ ސުވާލާކީ އަދުލުވެރި ވެރިއަކަށް އަމީން ވެދާނެތޯއެވެ؟ އެއީ ބަހުސެކެވެ. އެކަން ތާރީޚް ދިރާސާކުރެއްވީމާ ފެންނާނެއެވެ. އެމަނިކުފާނާއި މެދު ކަންތައްތައް ވެގެންދިޔައީ އެންމެ ރަނގަޅުކޮށް ކަމަށް ޤަބޫލުކުރަން އަމިއްލަ ޒަމީރު ދެކޮޅުހަދައެވެ. ނަމަވެސް ހިތާމަޔަކީ ހުރިހާ އާރާއި ބާރާއެކު ވެރިކަން ކުރި އަތިރީގެ އަމީން ދީދީ ހަވަރަށްދީ ކުޅޭކުޅޭ ފަސްގަނޑުން އެމަނިކުފާނުގެ ވެރިކަން ވައްޓާލީއެވެ. ދިރިތިބި މީހުންނަށް އިބްރަތަކަށް ނުވޭ ހެއްޔެވެ؟

ދެންއައި ރަސްކަމެކެވެ. ތާރީޚީ ސަފްހާތަކަށް ކަޅި އެއްލާލުމުން، ރަސްކަމަށް އިސްކުރެވުނީ ސިޔާސީގޮތުން މާ ބާރުގަދަ ބޭފުޅެކޭ ދެންނެވޭކަށް ނެތެވެ. ރަސްކަލަކު ހުއްޓެއް ކަމަކު ދައުލަތް ހިންގެވީ އަލް އަމީރު އިބްރާހިމް ނާސިރު ރަންނަބެނޑޭރި ކިލިގެފާނެވެ. ބޮޑު ވަޒީރެއް ގޮތުގައި ހުންނަވައިގެންނެވެ. އަދި އާޚިރުގައި ރަސްކަން ޖުމްހުރިއްޔަތަކަށް ބަދަލުކުރައްވައި ވެރިކަމަށްވެސް ވަޑައިގަތެވެ. އުފެދޭ ސުވާލަކީ އިބްރާހިމް ނާސިރަކީ އަދުލުވެރި ވެރިއެއްތޯއެވެ؟ އެވެސް ބަހުސެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހުވަދު އަތޮޅު ތިނަދޫގެ ރައްޔިތުންނަށް މެދު އަމުލުކުރެއްވި ގޮތުގެ ވާހަކައަކީ ތާރީޚުގައި ލިޔެވި ރައްކާކުރެވިފައިވާ މައުލޫމާތުތަކެވެ. އެކަން ދިރާސާކުރެއްވިމާ ފެންނާނެއެވެ. އެމަނިކުފާނާއި މެދު އަމަލުކުރެވުނީ އެންމެ ރަނގަޅު ގޮތައްތޯ އެއި ހިތާއި ހިތާއި ކުރެވޭ ސުވާލެކެވެ. 30 އަހަރަށް ވުރެ ގިނަ މުއްދަތަކަށް އަމިއްލަ އުފަން ވަޒަނުން ދުރައްވަޑައިގެން ހުންނަވަނިކޮށް އަވަހާރަވެގެން ދިވެހި ފަސްގަނޑަށް އައީ ވެލާނާގެ އިބްރާހިމް ނާސިރުގެ ފުރާނަ ނެތް ގަބުރުކޮޅެވެ. ދިރިތިބި މީހުންނަށް އިބްރަތަކަށް ނުވޭ ހެއްޔެވެ؟

ސިޔާސީ މައިދާނުގައި ދެން ފެށުނީ އާ ބާބެކެވެ. މައުމޫން އަބްދުލް ޤައްޔޫމުގެ ޒާއާމަތުގެ ފެށުމެވެ. ބަޔަކު މީހުންނަށް އެއީ ރަން ތިރީސް އަހަރުގެ ބާނީއެވެ. ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ މޭސްތިރިއާއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ގިނަ ރޮނގުތަކުން ދިވެހީން ކުރެއެރުން ހޯދިކަމީ ފެންނާން އޮތް ހަގީގަތެވެ. ނަމަވެސް މިއަދު ކުރަން މިއުޅޭ ސުވާލަކީ މައުމޫނަކީ އަދުލުވެރި ވެރިއެއްތޯއެވެ؟ ބަހުސް ކުރަން ރަނގަޅު މައުޟޫއެކެވެ. އެމަނިކުފާނުގެ ދިގު ޒައާމަތުގައި އަދުލު އިންސާފުގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައި އެބަހުއްޓެވެ. ޖަލުގައި އެތައްބައެއްގެ ފުރާނަ ގެއްލުމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރެއެވެ. އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ބަޔަކު ތެދުވުމާއި ވެސް ގުޅިފައިވަނީ ޖަލުގައި އަނިޔާކޮށް މަރާލެވެނު އިވާން ނަސީމްގެ މަރާއެވެ. ވެރިކަމުގެ 6 ވަނަ ދައުރުގައި ކުރިމަތިވި ބޮޑެތި ތުހުމަތާއި އެކު އެމަނިކުފާނަށް ވެރިކަން ގެއްލިގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ދިމިކްރާތީ އިންތިޚާބުގައެވެ. ތިރި ތިބި މީހުންނަށް އިބްރަތަކަށް ނުވޭ ހެއްޔެވެ؟ ކިނބިގަސްދޮށުގޭ މައޫމޫން މިއަދު އިންނެވީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ.

މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމި ރާއްޖޭގައި ފެށުނީ މުޅީން އާބާބެކެވެ. ފުރަތަމަ ދިމިކްރާތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށުނީ ވަރަށް ގިނަ ބަޔެއްގެ އުއްމީދާ އެއްކޮށެވެ. ވެރިކަމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވިއެވެ. ހިތާއި ހިތާއި ކުރެވޭ ސުވާލަކީ މުޙައްމަދު ނަޝީދަކީ އަދުލުވެރި ވެރިއެއްތޯއެވެ. އެވެސް ބަހުސެކެވެ. އެމަނިކުފާނުގެ މަށްޗަށް ކުރެވުނީ އެގެ ކުރިން އެހެން އެއްވެސް ވެރިއެއްގެ މައްޗަށް ނުކުރެވޭ ވަރުގެ ތުހުމަތެކެވެ. އިސްލާމްދީނަށް ހަޖޫ ޖައްސަވާ ކަމުގެ ތުހުމަތެވެ. ލާދިނީ ވެރިއެއްގެ ޓެގް އެޅުވި އެމަނިކުފާނާއި މެދު އެތައް ބަޔަކު ކުރަމުން އައި އުއްމީދު ބަދަލުވިއެވެ. ނަތީޖާއެއްގެ ގޮތުން ކެނަރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އިދިކޮޅު ފާރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތައް ހޫނުވެ ވެރިކަމުގައި އިތުރަށް ހުރެއްޖެ ނަމަ ދިވެހި ޤައުމަށް ނުހަނު ގިނަގުނަ ގެއްލުން ވެދާނެ ކަމަށް ފެނިވަޑައިގެން އިސްތިއުފާ ދެއްވީއެވެ. ދިރި ތިބި މީހުނަށް އިބަރަތަކަށް ނުވޭ ހެއްޔެވެ؟ މިއަދު މުޙައްމަދު ނަޝީދު ހުންނެވީ 13 އަހަރުގެ ހުކުމެއްގެ ދަށުވެ އަމިއްލަ ޤައުމަށް ނާދެވޭ ގޮތައް އެހެން ޤައުމެއްގެ ހިމާޔާތުގައެވެ.

ނަޝީދުގެ ވެރިކަން ނިމި ދެން ވެރިކަމާއި ހަވާލުވީ އެމަނިކުފާނުގެ ނައިބު ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކެވެ. ވެރިއަކަށް ޖެހިވަޑައިގެންނެވި އެންމެ ހިތްދަތިކަމެއް ޖެހިވަޑައިގަތީ އެމަނިކުފާނާއެވެ. ވެރިކަމުގައި ހުންނެވިޔަސް ކުރިމަތިވެވަޑައިގެންނެވީ ހުސް ނިކަމެތިކަމެވެ. ސަވާލުކުރައްވާމާ ހިންގަވާށެވެ. ވަހީދަކީ އަދުލުވެރި ވެރިއެއްތޯއެވެ؟ އެމަނިކުފާނުގެ މަށްޗަށް ކުރެވުނި ބާގާވާތްކުރިކަމުގެ ތުހުމަތެވެ. އެ ތުހުމާތާއި އެކު އެމަނިކުފާނުގެ ވެގެން ދިޔައީ ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ތާއިދު ކުޑަ ވެރިޔާގެ ގޮތުގައެވެ. ވެރިކަމުގެ އާދައުރަކަށް ކުރިމަތި ލެއްވިމާ ލިބުނީ ވޯޓްލި އާބާދީގެ އެންމެ %5 އިންސައްތައެވެ. ދިރި ތިބިމީހުންނަށް އިބްރަތަކަށް ނުވޭ ހެއްޔެވެ؟

ޑރ. ވަޙީދުގެ ވެރިކަން ނިމި ދެން ފެށުނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. ޔާމީންގެ ވާހަކަ ފަށާނީ ކޮން ހިސާބަކުން ހެއްޔެވެ؟ ތައްޤީގެ ވާހަކައިން ހެއްޔެވެ؟ ތަރައްޤީގެ މާނައަކީ އުފާވެރިކަން ކަމުގައި ވާނަމަ ރައީސް ޔާމީނަށް ތަރައްޤީ ގެނެވުނު ކާމާއި ދޭތެރޭ އަޅުގަނޑު ދެބަސްވަމެވެ. މިއީ މިނިވަން ޚިޔާލެކެވެ. ނަމަވެސް ތަރައްޤީގެ މާނައަކީ ބޮޑެތޮ އިމާރާތްތަކާއި ބޮޑެތި މަޝްރޫއުތައް ކަމުގައި ވާނަމަ ރައީސް ޔާމީނާށް 9/10 ދޭނަމަވެ. ބްރިޖެއް އަޅައިފިއެވެ. 25 ބްރީގެ އިމާރާތެއް އަޅައިފިއެވެ. މަގުތައް ހަދައިފިއެވެ. އާ އެއަޕޯޓް ރަންވޭ ހަދައިފިއެވެ. އެކަމަކު ދިވެހިރައްޔިތުން މިއަދު ކުރަންވީ ޙަޤީގީ ސުވާލަކީ ރައީސް ޔާމީނަކީ އަދުވެރި ވެރިއެއް ހެއްޔެވެ؟ އެއީވެސް ބަހުސެކެވެ. ރައީސް ޔާމިންގެ މައްޗަށް ކުރެވެނީ އާދައިގެ ތުހުމަތު ތަކެއް ނޫނެވެ. ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރެވެއެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށް އެމަނިކުފާނު ބޭނުންވާ ގޮތައް ކޯޓުތަކުން ހުކުމްކޮށް ޖަލަށްލެވުނު ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް އެބަކުރެވެއެވެ. މީހުން ފްރޭމްކުރުމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް އެބަކުރެވެއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ނޫސްވެރިއަކު ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. މިހުރިހާ ތުހުމަތު ތަކާކާއި އެކު އެމަނިކުފާނު އެގެންދަވަނީ ވެރިކަމުގެ އިތުރު ދައުރަކަށް ކެންޕެއިން ކުރައްވަމުންނެވެ.

މިއަދު ދިވެހިރައްޔިތުން ހިތާއި ހިތާއި ސުވާލުކުރަންވީ ކޮންމެ ވެރިއެއްގެ ނިމުން ހިތިވެގެންދަނީ ކޮން ސަބަބަކާއި ހެދި ތޯއެވެ؟ ޤައުމަށް ނުހަނު ޚިދުމަތްކޮށްދިން ވެރިންނަށް ވެރިކަމުގެ ފަހުންވެސް އަބުރުވެރި ޝަރަފްވެރި ދިރިއުޅެމެއް އުޅެވެން ވާނެއެވެ. އެއީ އަދުލުވެރި ވެރިންނަށް އޮތް ހަދިޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް